ޒުވާނުން ދަތުރުދާނެ ރަށެއް މާލެ ކައިރިން ހަމަޖައްސާނަން – އިބޫ

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ޒުވާނުންނަށް ޚާއްސަކޮށްގެން ދަތުރުދާނެ ރަށެއް މާލެ ކައިރިން ހަމަޖައްސާނެކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) ވިދާޅުވެއްޖެއެވެ. ޒު...

15 Aug 2018 | 20:06

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ޒުވާނުންނަށް ޚާއްސަކޮށްގެން ދަތުރުދާނެ ރަށެއް މާލެ ކައިރިން ހަމަޖައްސާނެކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) ވިދާޅުވެއްޖެއެވެ. ޒުވާނުންގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރުދާނެ ރަށެއް މާލެ ކައިރީގައި މިހާރު ނެތްކަމަށާއި އެހެންކަމުން އެކަން ހަމަޖައްސަވާނެކަމަށެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިޔުމަށް ޚާއްސަ ރަށެއް މާލެ ކައިރިން ހަމަޖެއްސުމަކީ މިފަހަރުގެ އިންތިޚާބަށް އާންމުކޮށްފައިވާ އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާކަމެކެވެ.

ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ސަރުކާރުގައި ޒުވާނުންގެ އުންމީދުތައް ފުރިހަމަކޮށްދޭނެކަމުގައެވެ. އަދި ކޯލިޝަން ނިކުމެ މިއޮތީ ޒުވާނުންގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދޭންކަމަށް އިބޫ ވިދާޅުވިއެވެ. މިސަރުކާރުން ޒުވާނުންނަށް އެތައް ފުރުސަތުތަކެއް ދިނުމަށް ވައުދުވިކަމަށާއި ނަމަވެސް ފެންނަމުން މިދަނީ އެމަންޒަރު ނޫންކަމަށް އިބޫ ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ޒުވާން ކުޅުންތެރިން ޖަލަށް ލާ މަންޒަރު، ޒުވާން ލޯޔަރުން ސަސްޕެންޑް ކުރާ މަންޒަރު، ޒުވާން ކައުންސިލަރުން ސަސްޕެންޑް ކުރާ މަންޒަރު. ގެޓްސެޓް ލޯނުގެ ގޮތުގައި ދޭންފެށި ލޯނުން ނާޖާއިޒް ގޮތުގައި ބޭނުންކުރަމުން ދިޔަ މަންޒަރު. އަޅުގަނޑުމެންގެ ވެރިކަމެއްގައި އިރާދަކުރެއްވިއްޔާ މިހުރިހާ ކަމަކަށް ހައްލު ހޯދައިދޭނަން. " ޒުވާނުންނާ މުޚާތަބު ކުރައްވަމުން އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސަރުކާރުގައި މިހާރު ސްކޮލަޝިޕް ނުދެވޭ ޤައުމުތަކަށް ސްކޮލަޝިޕްގައި ކިޔަވަން ދިޔުމުގެ ފުރުސަތު ހޯއްދަވައިދެއްވާނެކަމުގައެވެ. ޒުވާނުންގެ ޖަގަހަ ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމްވެސް ވަނީ ވާހަކަދައްކަވާފައެވެ. ފައިސަލް ގެ ވާހަކައިގައި އިދިކޮޅު ކޯލިޝަނުން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް