ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މިހާތަނަށް15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ހަފްތާގައި އަލީ ވަހީދު މިނިސްޓަރު ކަމުން ވަކި ކުރީ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އެޅުމާއި ގުޅިގެންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާ މަގާމުން ވަކި ކުރެއްވީ އިސްތިއުފާ ދެއްވުމަށް ފުރުސަތު ދިނުމަށް ފަހު އެ ފުރުސަތުގައި އަމިއްލައަށް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ މި މައްސަލައިގަ މިހާތަނަށް15 މީހެއްގެ ބަޔާން ނެގިނަމަވެސް އަލީ ވަހީދުގެ ބަޔާން ނަގާފައި ނުވާނެ ކަމަށެވެ. އެކަމަކު އެ މައްސަލައިގަ އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާގެ ލެޕްޓޮޕާއި ފޯނު ކޯޓު އަމުރެއްގެ ދަށުން ގެންގޮސްފައިވާނެ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިޔަށް ދަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި މަޝްވަރާ ކުރެވިގެން ދެ ފަރާތް ގުޅިގެން ކަމަށެވެ. އެކަމަކު މި މައްސަލައިގެ އިތުރު ތަފްސީލް އަދި ދެވެން ނެތް ކަމަށް ވިދާޅުވި އެވެ.
އަލީ ވަހީދު މަގާމުން ވަކި ކުރީ ޖިންސީ އަނިޔާ ލިބުނު ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ޖެންޑާ މިނިސްޓްރީ އާއި ރައީސް ސޯލިހުގެ ސަމާލު ކަމަށް އެކަން ގެނެސް އެ މައުލޫމާތު ދިނުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް