ކޯވިޑް-19 ގެ އަލާމާތްތައް ހުއްޓަސް ރާއްޖެ އަންނަ މީހުންނަށް އެތެރެވެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖެ އައުމުގެ 24 ގަޑިއިރު ކުރިން އޮންލައިންކޮށް ފުރަން ޖެހޭ "ޓްރެވަލް ހެލްތް ޑިކްލެރޭޝަން ފޯމު" ފުރަން ޖެހޭނެ ކަމަށެވެ. އެ ފޯމު ފުރަނީ އެމީހާގެ ސިއްހީ ހާލަތު ދެނެގަތުމަށް ކަމަށާއި ވައިރަސްއަށް ޕޮސިޓިވް ނޫންނަމަ އަލާމާތްތައް ހުއްޓަސް ރާއްޖެއަށް އާދެވޭނެ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ އެ ފޯމުގެ އިތުރުން ރާއްޖެ އެތެރެވާއިރު ހެލްތް ސްކްރީން ކުރުމަށް ފަހު ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި އަލާމާތެއް ހުރި މީހެއް ނަމަ ވަގުތުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދެވޭނެ ކަމަށެވެ. އަދި ޓޫރިސްޓަކު ކަމުގައި ވިޔަސް އަލާމާތެއް ނުވަތަ ޝައްކު ކުރެވޭ ކަމެއް ހުރި ނަމަ ރިސޯޓަށް ދެވޭނީ ކޯވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ދުވަހު ރާއްޖެ އައި އެއްވެސް މީހެއްގެ ގައިން ކޯވިޑް އަލާމާތެއް އަދި ޝައްކު ކުރެވޭ ކަމެއް ފާހަގަ ވެފައި ނުވާ ކަމަށެވެ.
ރާއްޖެއަށް އެތެރެވާ މީހުންގެ ތެރެއިން ކޯވިޑް-19 ޓެސްޓު ކުރުމަށް ޓެސްޓު ކުރަން ޖެހޭ މީހުން ޓެސްޓު ކުރުމާއި ފަރުވާ ދޭން ޖެހިއްޖެ ނަމަ ފަރުވާ ދެނީ އާސަންދައިގެ ދަށުން ހިލޭ އެވެ.
އިމިގްރޭޝަނުން ބުނެފައިވާގޮތުގައި ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި ރާއްޖެ އެތެރެވާ އަދި ރާއްޖެއިން ފުރާ ހުރިހާ އެންމެން "ޓްރެވަލް ހެލްތް ޑިކްލަރޭޝަން ފޯމު" ފުރަން ޖެހޭނެ އެވެ. އެ ފޯމް ފުރަން ޖެހެނީ އޮންލައިންކޮށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 2،831 މީހުންނެވެ. އޭގެ ތެރެއިން މަރުވެފައިވަނީ 14 މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް