މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޚިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަވަސް ކޮށްދިނުމަށް އެދޭކަން ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.
ބޭންކުން މިހެން އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައެވެ.
އެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެމް.އެމް.ޕީ.އާރ.ސީ ގެ މައްސަލައާއި ގުޅިގެން ބޭނުންވާ ހުރިހާ މަޢުލޫމާތެއް ބޭންކުންދަނީ ތަޙްޤީޤީ އިދާރާތަކަށް ދެމުން ކަމަށެވެ. އޮޑިޓަރ ޖެނެރަލް އޮފީހުން އެމް.އެމް.ޕީ.އާރ.ސީ ގެ ޚާއްޞަ އޮޑިޓަކަށް ބޭނުންވެގެން ބޭންކް އޮފް މޯލްޑިވްސް އިން 2015 ވަނަ އަހަރުގެ ނޮވެންބަރު މަހުގެތެރޭގައި އެ އޮފީހަށް ދީފައިވާ މަޢުލޫމާތު ތަކުގެ ތެރޭގައި އެސް.އޯ.އެފް ގެ އެކައުންޓް ތަކުގެ މަޢުލޫމާތު ހިމެނޭނެ ކަމަށެވެ. އަދި އެ މަޢުލޫމާތުގެ އަލީގައި އެމް.އެމް.ޕީ.އާރ.ސީ ގެ ޚާއްޞަ އޮޑިޓް ރިޕޯޓް ނެރެފައިވަނީ 04 ފެބުރުއަރީ 2016 ގައިކަން ޝަރިފް ފާހަގަކުރެއްވިއެވެ.
"ނަމަވެސް ފުރިހަމަނުވާ މި ތަހުގީގާ ގުޅޭ ގޮތުން އޭސީސީގެ ފަރާތުން އާންމުކުރެވިގެން ދިޔަ މައުލޫމާތަށް ބަލާއިރު އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ބޭންކުގެ 38 މުވައްޒަފުން ޝާމިލްވެފައިވާކަމަށް ދޭހަވާގޮތަށް ހާމަކޮށްފައިވާއިރު އެސްއޯއެފް އެކައުންޓަށް އެންޑޯސްކޮށްފައިވާ ޗެކް ޖަމާކުރުމުގެ ޕްރޮސެސްގައި ހިމެނޭ ހުރިހާ މުވައްޒަފުންގެ މައުލޫމާތު އެ އިދާރާ އަށް ދީފައިވަނީވެސް ބޭންކުގެ ފަރާތުން. 2016 އިން ފެށިގެން އޭސީސީގެ ފަރާތުން ދަނީ މިކަމުގައި ބޭންކުގެ މުވައްޒަފުން ޝާމިލްވެފައިވޭތޯ ތަހްގީގުކުރަމުން. މިވޭތުވެ ދިޔަ ދިގު މުއްދަތުގައި މިކަމުގައި ބޭންކުން ދިޔައީ އެއްބާރުލުން ދެމުން. " މާލިއްޔަތު ކޮމިޓީގައި މިއަދު ޝަރީފް ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީގައި އޭސީސީއިން ދެއްކި ވާހަކައެއްގެ ސަބަބުން ބީއެމްއެލްގެ މުވައްޒަފުންނާމެދު އާއްމު ރައްޔިތުން ދެކޭގޮތަށް ނޭދެވޭ އަސަރު ކޮށްފައިވާކަން ޝަރީފް މިއަދު ފާހަގަކުރެއްވިއެވެ.
"މި ކޮމިޓީގައި ދާދި ފަހުން ވާހަކަ ދައްކަވަމުން އޭސީސީން ހާމަކުރި ފަދަ ހަގީގަތާ ޚިލާފު ތުހުމަތުތަކުން އެ ބޭންކުގައި ވަރަށް ބުރަ މަސައްކަތްކުރަމުންދާ އެއްހާހެއްހާ މުވައްޒަފުންނާ މެދު އާންމުން ދެކޭގޮތަށް މިވަނީ ނޭދެވޭ އަސަރުކޮށްފަ. އަދި މިއީ ދިވެހި ދައުލަތަށް އެންމެ ބޮޑު ނަފާ ހޯދައިދޭ ކުންފުނީގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅި، ބޭންކުން އެބަޔަކަށް ބަރޯސާވާ ބައިނަލް އަޤުވާމީ ބޭންކުތަކުން ކުރާ އިތުބާރު ގެއްލި އޭގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި ވިޔަފާރީގެ މުޢާމަލާތްތައް ކުރައްވާ ހުރިހާ ރައްޔިތުންނަށް ނޭދެވޭ އަސަރުކުރާނެކަމެއްވެސްމެ. " ޝަރީފް ވިދާޅުވިއެވެ.
ތަކުރާރުކޮށް ޝަރީފް މިއަދު ވިދާޅުވީ ބޭންކުން އެދެނީ ވީހާވެސް އަވަހަކަށް އޭސީސީ އިން ކުރަމުންދާ ތަހްގީގު ނިންމައި، އެ ބޭންކުގެ ބައިވެރިވުން އެ ޚިޔާނާތުގައިވާކަމަށް ދެކެވޭވާހަކައަށް ނިމުމެއް އައުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް