މޫސުމީ ވިއްސާރައިގެ ސަބަބުން މިޔަންމާގައި ފެންބޮޑުވެ، 18000 މީހުންގެ ގެދޮރު ގެއްލިއްޖެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ބޯކޮށް ވިއްސާރަ ވެހުމުގެ ސަބަބުން މިޔަންމާގައި ކޯރު ހެދިފައިވާއިރު، ގެދޮރު ގެއްލުނު މީހުންނަށް ވަގުތީ ގޮތުން ހަދާފައިހުރި ކޭމްޕް ތަކުގެ ތެރެއިން ބައެއް ކޭމްޕް ތަކުގައިވެސް ވަނީ ފެންބޮޑުވެފައެވެ. އެމީހުން އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މިޔަންމާ ސަރުކާރުން ބުނެއެވެ.
މި ވިއްސާރައިގެ ސަބަބުން މިޔަންމާގެ ހަތަރު ސަރަހައްދެއްގައި ވަނީ މީހުންނަށް ދިރި ނޫޅެވޭވަރަށް ފެންބޮޑުވެފައެވެ.
މިޔަންމާގެ ޑިޒާސްޓާ މެނޭޖްމެންޓުން ބުނީ، ހާލުގައި ޖެހިފައި ތިބި މީހުންނަށް ކާބޯތަކެއްޗާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ނަމަވެސް ކޭމްޕްތަކުގައި ވެސް ފެން ބޮޑުވެފައި ވާތީ، އެތައް ހާސް ބަޔަކަށް ވަގުތީ ބޯހިޔާވަހިކަން ދޭން ދަތިތަކަކާއި ކުރިމަތިވަމުން އަންނަ ކަމަށް މިޔަންމާގެ ޑިޒާސްޓާ މެނޭގްމެންޓުން ބުންޏެވެ.
މިޔަންމާގެ ސަރުކާރުގެ އިތުރުން، އެންޖީއޯތަކާއި، އަމިއްލަ ކުންފުނިތަކުން ވެސް އަންނަނީ ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެގެން ރިޕޯޓު ކޮށްފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެތައް ބައެއްގެ ގެދޮރު ވަނީ ބިމާ ހަމަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް