ރީ ރަޖިސްޓްރީ ވާނެ ތަންތަން އިއުލާންކޮށްފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާނަމަ ރީ ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިޔަށްދާނެ ތަންތަން އިލެކްޝަން ކޮމިޝަނުން އިއުލާންކޮށ...

16 Jul 2018 | 18:37

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާނަމަ ރީ ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިޔަށްދާނެ ތަންތަން އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އެކޮމިޝަނުން ބުނީ ރީ ރެޖިސްޓްރޭޝަނަށް އެދި  ހުށަހަޅާނީ "ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންކަމުގައެވެ.  މި ފޯމު ރިޔާސީ އިންތިޚާބު 2018 ގެ އިންތިޚާބީ މަރުކަޒު ބައު ޖަމާލުއްދީނުންނާއި ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ހުޅުމާލޭގައިނަމަ ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގެ އެއް ވަނަ ފަންގިފިލާއިން ލިބެން ހުންނާނެއެވެ. އަދި ވިލިމާލޭގައި ނަމަ ވިލިމާލެ ފެރީ ޓާމިނަލްގައި ގާއިމުކޮށްފައިވާ ސްޓޭޝަނުން މިފޯމު ލިބެން ހުންނާނެ އެވެ. މީގެއިތުރުން ކޮމިޝަނުގެ ވެބްސައިޓް އިން ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި މާލޭ ސިޓީގައި ރިޔާސީ އިންތިޚާބު 2018 ގެ އިންތިޚާބާބެހޭ މަރުކަޒު ބައު ޖަމާލުއްދީންނުންނާއި ހުޅުމާލޭގައިނަމަ ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގެ އެއްވަނަ ފަންގިފިލާއިން އަދި ވިލިމާލެއިން ނަމަ ވިލިމާލެ ފެރީ ޓާމިނަލްއިންނެވެ.

ރަޖިސްޓަރީ ކުރުން އޮންނާނީ 17 ޖުލައި 2018 ވާ އަންގާރަ ދުވަހުން ފެށިގެން 11 އޯގަސްޓު 2018 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 8:30 އިން މެންދުރުފަހު 03:00އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެދުނު 9.30 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 ކަށް ކަމަށް އިލެކްޝަނުން ކޮމިޝަނުން ބުނެއެވެ.

ވިލިމާލެ ފެރީ ޓާމިނަލްގައި ފޯމު ބަލައިގަތުން އޮންނާނީ 17 ޖުލައި 2018 ވާ އަންގާރަ ދުވަހުން ފެށިގެން 11 އޯގަސްޓު 2018 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 10:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެދުނު 10:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެކަމަށް އިލެކްޝަނުން ބުނެއެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަން ޖެހެއެވެ. މީގެއިތުރުން އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެކަމަށް އެކޮމިޝަނުން ހާމަކުރެއެވެ.

ކުރީގެ އިންތިޚާބެއްގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވީ ނަމަވެސް ރިޔާސީ އިންތިޚާބު 2018 ގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރަން ޖެހޭނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް