މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާ މީހުން އެމީހުން އެކަމަށް ބޭނުންކުރާ އުކުޅުތަކާއި އާލާތްތައްވެސް އަންނަނީ ވަރުގަދަ ކުރަމުންނެވެ. ބޭންކުގެ ނަމުގައި ފޯނުކޯލުކޮށްގެންނާއި މެސެޖާއި މެއިލްކޮށްގެންނާއި އެކި ގޮތްގޮތުން އޮޅުވާލައިގެން ކާޑުގެ މައުލޫމާތު ހޯދުމަށް އެ ފަރާތްތަކުން އަބަދުވެސް ގެންދަނީ މަސައްކަތްކުރަމުންނެވެ. މިކަމަށް އޮތް އެންމެ މޮޅު ހައްލަކީ ހޭލުންތެރިވުމެވެ. އަދި ހޭލުންތެރި ކުރުވުމެވެ.
އެގޮތުން ފޭކު ކޯލުތަކާއި މެސެޖާއި މެއިލްތަކަށް ހޭލުންތެރި ކުރުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިވަނީ ހާއްސަ މަސައްކަތެއް ފަށާފަ އެވެ.
"ސަމާލުވޭ، ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ހޯދަން ބޭންކް އޮފް މޯލްޑިސް އިން ނުގުޅާނެ" މި ނަމުގައި މިހާރު ބޭންކުން ކުރިއަށްގެންދާ ކެމްޕޭނުގައި ރައްޔިތުން ހޭލުންތެރި ކުރުވުމަށް ނޫސްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ބީއެމްއެލް އިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ކެމްޕޭނާއި ބެހޭގޮތުން ބޭންކްގެ އޮފިޝަލަކު ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން ހޭލުންތެރި ކުރުވުމުގެ މިފަދަ ކެމްޕޭންތައް ކޮންމެ އަހަރަކުވެސް އެ ބޭންކުން ކުރިއަށްގެންދާ ކަމަށާއި މި އަހަރު މި ކެެމްޕޭން މި ކުރިއަށްގެންދެވެނީ ވަރަށް ފުޅާދާއިރާއެއްގައި ކަމަށެވެ. އަދި ބޭންކުން މޯބައިލް ނަމްބަރަކުން ނުގުޅާނެ ކަމަށާއި އީމެއިލްއަކުން ކާޑާއި އެކައުންޓްގެ މައުލޫމާތު ނާހާނެ ކަމަށާއި އަދި މިކަންކަމަށް ކަސްޓަމަރުން ވަރަށް ސަމާލުވާން ޖެހޭ ކަމުގައި އޮފިޝަލް ވިދާޅުވި އެވެ.
މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަ ބޮޑުވެފައިވާތީ އެފަދަ ކަންކަމަށް ރައްޔިތުން ސަމާލުވުމަށާއި އެފަދަ ކަމެއްގެ މައުލޫމާތު އެނގިއްޖެނަމަ ލަސްނުކޮށް ރިޕޯޓް ކުރުމަށް ފުލުހުންވެސް އިލްތިމާސްކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް