ރިޔާސީ އިންތިޚާބުގައި 7 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާތީ އިދިކޮޅުގެ ފާޑުކިޔުން އިލެކްޝަނަށް

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިލެކްޝަން ކޮމިޝަނުން ރޭ ވަނީ އިއުލާންކޮށްފައެވެ. މިއިއުލާނަށް ބަލާލާއިރު ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަނުން ނިންމ...

16 Jul 2018 | 07:38

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިލެކްޝަން ކޮމިޝަނުން ރޭ ވަނީ އިއުލާންކޮށްފައެވެ. މިއިއުލާނަށް ބަލާލާއިރު ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަނުން ނިންމާފައިވަނީ ހަތް ރިސޯޓެއްގައެވެ. އެ ހަތް ރިސޯޓަކީ ކުރަމަތި އައިލެންޑް ރިސޯޓާއި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް އާއި ސަން އައިލެންޑް ރިސޯޓު އެންޑް ސްޕާ އާއި ބަނޑޮސް މޯލްޑިވްސް އާއި ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ އާއި ކުރެއްދޫ އައިލެންޑް ރިސޯޓު އަދި ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސް އެވެ.

މިރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނެކަމަށް އިއުލާންކޮށްފައިވާއިރު އެއިއުލާންގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބު ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހި ވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 250 މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. އެހެންކަމުން މި އިޢުލާންގައިވާ ރިސޯޓެއްގައި 250  މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ރިސޯޓެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

އިލެކްޝަން ކޮމިޝަނުން މިގޮތަށް އިއުލާންކުރުމާއެކު އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަނުން ނިންމާފައިވަނީ ވޯޓަށް ނުފޫޒު ފޯރުވަންކަމުގައެވެ. އެގޮތުން އިދިކޮޅު ކޯލިޝަންގެ ސްޕޯކްސް ޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަޚުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންތިޚާބެއްގައި ބަހައްޓާ އެންމެ ގިނަ ވޯޓުފޮށި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބަހައްޓާނެކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އިއުލާންކުރެއްވުމަށްފަހު ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަނީ ވޯޓަށް ނުފޫޒު ފޯރުވަންކަމުގައެވެ. އަދި ކުރިން 50 މީހުން ހަމަވާ ރިސޯޓްތަކުގައި ވޯޓު ފޮށި ބަހައްޓާފައިވާއިރު މިފަހަރު ވޯޓު ފޮށި ބަހައްޓަނީ 250 މީހުން ހަމަވާ ރިސޯޓްތަކުގައިކަމަށް މަޚުލޫފް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން 20 ރިސޯޓެއްގައި  200ށް ވުރެ ގިނަ ދިވެހި ސްޓާފުން މަސައްކަތް ކުރާއިރު ރާއްޖޭގައި ޖުމްލަ 138 ރިސޯޓު އޮންނައިރު ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަނީ ކީއްވެތޯވެސް މަޚުލޫފްވަނީ ސުވާލުކުރައްވާ ފައެވެ.

މީގެއިތުރުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި 56 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާފައިވާއިރު މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާތީ ރާއްޖޭގެ ގިނަ ބަޔަކަށް ވޯޓު ލުމުން މަހުރޫމް ވާނެކަމުގައެވެ. އަދި ވޯޓު ލުމުގެ ޙައްޤު ހޯދުމަށްޓަކައި ރިސޯޓްތަކުގައި މަސައްކަތްކުރުން ހުއްޓާލުމަށްވެސް ހުސްނުއް ސުއޫދުވަނީ ގޮވާލައްވާފައެވެ.

އިދިކޮޅު ފަރާތްތަކުން މިކަމުގެ ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު އެއް ބަޔަކު ބުނަނީ ރިސޯޓްތައް ހުންނަނީ މީހުން ދިރިއުޅޭ ރަށްތައް ކައިރީގައި ކަމުގައި ވުމުން އެރަށްރަށުގައި ވޯޓުލުމަށް ރަޖިސްޓްރީ ވެވޭނެކަމަށެވެ. މީގެއިތުރުން ބޭރު ޤައުމުތަކުގައި ވޯޓު ފޮށި ބަހައްޓާ ޤައުމުތައް އިއުލާންކުރިއިރު ސިންގަޕޫރްފައި ވޯޓު ފޮށި ނުބަހައްޓާތީ އެކަމުގެ ޝަކުވާވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް