ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިލެކްޝަނުން އިއުލާންކޮށްފި

އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފިއެވެ. އެކޮމިޝަނުން ރޭ ކޮށްފައިވާ މި އިއުލާންގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މީހުން ދިރިއުޅޭ ހުރި...

16 Jul 2018 | 05:48

އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފިއެވެ. އެކޮމިޝަނުން ރޭ ކޮށްފައިވާ މި އިއުލާންގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި، ރިސޯޓް ތަކުގެ އިތުރުން ޖަލުތަކުގައާ ސިނާޢީ މަސައްކަތްކުރާ ތަންތަނާއި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން ވަނީ ގެޒެޓްކޮށްފައެވެ.

މިގޮތުން ކޮންމެ އަތޮޅެއްގައި ވޯޓު ފޮށި ބަހައްޓާ ތަންތަން ގެޒެޓްކޮށްފައި ވަނީ ވަކިވަކިންނެވެ. މީގެއިތުރުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓު ފޮށިތައް ބަހައްޓާތަންތަން އިއުލާންކޮށްފައިވާއިރު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓު ލާނެ ތަންތަންވެސް ވަނީ އިއުލާންކޮށްފައެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހަތް ރިސޯޓެއްގައެވެ. މީގެއިތުރުން ހަތަރު ޖަލެއްގައިވެސް ވޯޓިފޮށި ތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ސިނާޢީ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން ވޯޓު ފޮށި ބެހެއްޓުމަށް އިއުލާންކޮށްފައިވަނީ ހަ ތަނެއްގައެވެ. ރާއްޖޭން ބޭރު ޤައުމުތަކުގެ ތެރެއިން ވޯޓު ފޮށި ބެހެއްޓުމަށް އިއުލާންކޮށްފައިވާ ތަންތަނަކީ އިންޑިޔާގެ ޓްރިވެންޑްރަމް އާއި މެލޭޝިޔާގެ ކުއައަލަލަމްޕުރު، ސްރީލަންކާގެ ކޮލޮމްބޯ އަދި އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް