އިޔޫގެ ފިޔަވަޅު – އިގްތިސާދީ ރާޅެއް، ސަރުކާރުގެ ޒިންމާ ބޮޑު

މިއަދަކީ ފަހަރެއްގައި ވެސް މި ގައުމަށް އުފާވެރި ދުވަހެއް ނޫނެވެ. ޔޫރަޕްގެ އިއްތިހާދުން މި ގައުމަށް ފިޔަވަޅު އަޅާނެ ކަމަށް އިއުލާންކޮށްފައިވާ ދުވަހެވެ. ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ރާއްޖެ އާއި މެދު ފ...

16 Jul 2018 | 04:09

މިއަދަކީ ފަހަރެއްގައި ވެސް މި ގައުމަށް އުފާވެރި ދުވަހެއް ނޫނެވެ. ޔޫރަޕްގެ އިއްތިހާދުން މި ގައުމަށް ފިޔަވަޅު އަޅާނެ ކަމަށް އިއުލާންކޮށްފައިވާ ދުވަހެވެ. ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ރާއްޖެ އާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމާއި ގުޅިގެ ބަޔަކު އުފާކުރާ ކަމަށް ވިދާޅުވެފައެވެ.

އިޔޫގެ ފިޔަވަޅުގެ ގެއްލުން މިހާރުވެސް ދަނީ ކުރަމުން

އީޔޫ އިން ފިޔަވަޅު އަޅާނެ ވާހަކަ އާއްމުވުމާއި އެކުވެސް ހަގީގަތުގައި މިހާރު ވެސް އޭގެ ގެއްލުން ދަނީ ރާއްޖެ އަށް ކުރަމުންނެވެ.  މިހާރުވެސް އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިންވެސްޓްމެންޓްތަކަށް ދަނީ ކުރަމުންނެވެ. ބައިނަލްއަގުވާމީ ގޮތުން ރީތި ނަމެއް ލިބިފައިވާ މި މަޝްހޫރު ރާއްޖޭގެ ނަން އޭގެ ސަބަބުން ކިލަނބު ވެއްޖެއެވެ. އެތަކެއް ފަތުރުވެރިންނެއް ދާނީ ރާއްޖެ އަށް ކުރަން އޮތް ދަތުރާއި މެދު ވިސްނަމުންނެވެ. ދިވެހި ސަރުކާރަށާއި ކުންފުނިތަކާއި އާއްމު ފަރުދުންނަށް ލޯނު ދީފައި ހުރި ބޭންކުންތަކުން ދަނީ އެ ލޯނުތަކަށް ވާނެ ގޮތަކާއި މެދު ވިސްނަމުންނެވެ. ދުނިޔޭގެ ގައުމުތަކުގައި ލިސްޓްކޮށްފައި ހުރި ރާއްޖޭގެ ބޮންޑްތަކަށް އޭގެ އަސަރުކުރާނެއެވެ. މިހާރު ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ބޭރުގެ ފަރާތްތަކާއި މުސްތަގުބަލުގައި ރާއްޖެ އަށް އިންވެސްޓްކުރުމުގެ ވިސްނުންގެންގުޅޭ ފަރާތްތަކުގެ އިތުބާރަށް އޭގެ އަސަރުކުރާނެއެވެ.

ސަރުކާރުގެ ޒިންމާދާރުކަން ކުޑަ !؟

މިފަދަ ބޮޑުކަމެއް ވާން އުޅޭއިރުވެސް ސަރުކާރަށް މިވާން އުޅެނީ ކިހާވަރެއްގެ ކަމެއްކަން ފަހުމުކޮށްލަށް ދަތިވެގެން އުޅޭ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. ސަރުކާރުން ގޯސްކުރަނީ އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކެވެ. އެހެންނަމަވެސް ދިވެހި ރައްޔިތުންނަށް މިފަދަ ބޮޑު ގެއްލުމެއް ވަމުންދާއިރު މިއަށްވުރެ ޒިންމާދާރުވާންޖެހެއެވެ. އިޔޫ ފޮރިން މިނިސްޓަރުންނާއި ޑިޕޮލޮމެޓުންނަކީ ދުނިޔެއަށް ލޯހުޅުވިފައި ތިބި ބައެކެވެ. އެ މީހުން އަޑުއަހަނީ އެމްޑީޕީން ދައްކާ ވާހަކަ އޭ ބުނެ ނިންމާލެވޭކަން ނެތެވެ. ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ރާއްޖެ އާއި މެދު ފިޔަވަޅުތައް އެޅުމަށް ހިތްވެރަދެނިއްޔޭ ބުނެ ނިންމާލެވޭކަށް ނެތެވެ. ހަމައިގައިމުވެސް ސަރުކާރުގެ ފަރާތުންނާއި އިދިކޮޅު ފަރާތްތަކުން މައުލޫމާތު ހޯދާނެއެވެ. އަދި އެ މީހުން ރާއްޖެ އަށް ކުރިން ކޮށްފައިވާ ދަތުރުތަކުންނާއި މީޑިއާ އިން ގިނަ މައުލޫމާތުތައް ހޯދާނެއެވެ. އީޔޫ އިން ކަންބޮޑުވުން ފާޅުކޮށްފައިވާ އެއް ކަމަކީ ބާރަ މެމްބަރެއްގެ ގޮނޑިގެއްލިފައިވާ ކަމަށް ބުނާ މައްސަލައެވެ. ހަމަ ޔަގީނުންވެސް މިކަމުގައި ސުވާލު އުފެދޭ ކަންތައްތައް އެބަހުރިކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ސަރުކާރުން ފަހަތަށް ފިޔަވަޅެއް އަޅަންޖެހޭ

ނާޒުކު މި ދަނޑިވަޅުގައި ގޮތް ދޫކުރުމަށްފަހު މި ދިވެހި ރާއްޖެ އާއި ދިވެހި ރައްޔިތުންގެ ހައްގުގައި ފަހަތަށް ފިޔަވަޅު އަޅަންޖެހެއެވެ. ފަހަރެއްގައި ވެސް ގޮތް ދޫކުރުމަކީ ތިމާގެ 'ގަޓް' ކަމަށް އަސަރެއް ކުރާނެ ކަމެއް ނޫނެވެ. ދިވެހި ރާއްޖެ އަށް ކާމިޔާބީ އެއް ލިބޭ ކޮންމެ ފަހަރަކު އޭގެ ފޮނި މީރުކަމަށް ސަރުކާރުން ލިބިގަންނަ ގޮތަށް އީޔޫއިން ފިޔަވަޅުއެޅުމުގެ ސަބަބުން ވާ ގެއްލުމުގެ ޒިންމާ ވެސް ސަރުކާރުން ނަގަންޖެހޭނެއެވެ. ދިވެހި ރައްޔިތުންނަކީ ތަންދޮރު ނުދަންނަބައް ކަމަށް މިއަދު ހީކުރުން ވާނީ މޮޔަ ކަމަކަށެވެ.  މި ވަގުތަކީ އަމިއްލަ ޖާހަތާއި މަވަންތަކަމާއި ސިޔާސީ މަންފާ ދޫކުރުމަށްފަހު ގައުމީ ވިސްނުމާއި ގައުމީ ލޯބި އިސްކުރަންވީ ވަގުތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް