މާބަނޑު ދުވަސްވަރު ބަުރަކަށީގައި ރިއްސުން

މާބަނޑު ދުވަސްވަރަކީ އާންމު ގޮތެއްގައި ގިނަ އަދި ދަތި އުނދަގޫ ކަންތަކާއި ދިމާވާ ދުވަސްވަރެކެވެ. ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ހަމަ އެހެންމެ ގެންނަން ޖެހޭ ދުވަސް ވަރަކަށްވަނީ ވެފައެވެ. އެ ގޮތ...

16 Jun 2019 | 10:15

މާބަނޑު ދުވަސްވަރަކީ އާންމު ގޮތެއްގައި ގިނަ އަދި ދަތި އުނދަގޫ ކަންތަކާއި ދިމާވާ ދުވަސްވަރެކެވެ. ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ހަމަ އެހެންމެ ގެންނަން ޖެހޭ ދުވަސް ވަރަކަށްވަނީ ވެފައެވެ. އެ ގޮތުން ބުރަކަށީގައި ރިހުމަކީ ބަލިވެ އިނުމަށްފަހު އާންމުކޮށް އަންހެނުންނަށް ދިމާވާ ވޭން ހުރި މައްސަލައެކެވެ.

ބަލިވެއިންނަ %70 -50 އަންހެނުންނަށް ބަލިވެއިނުމާއި ގުޅިގެން ބުރަކަށީގައި ރިހުމުގެ އުދަގުލާއި ކުރިމަތިލާން ޖެހެއެވެ. ބަލިވެއިނުމުގެ ކުރިން ބުރަކަށީގައި ރިހުން ހުރުން، ކުރިން ބަލިވެއިންއިރު، ބުރަކަށީގައި ރިހުން ކުރިމަތިވެފައިވާނަމަ، އެކަން ތަކުރާރުކޮށް، ޖެހިގެން އަންނަ ފަހަރު ބަލިވެއިނުމުން ވެސް ކުރިމަތިވެދާނެ އެވެ. މާބަނޑުވުމުގެ ކުރިން ހެލިފެލިވެއުޅުން މަދުވުމަކީ ވެސް މާބަނޑުވުމުން ބުރަކަށީގައި ރިހުން ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

މާބަނޑުދުވަސްވަރު ބުރަކަށީގައި ރިހުމަށް ދިމާވަނީ ކީއްވެ؟

ހަށިގަނޑުގައި ހޯރމޯންގެ މިންވަރު އިތުރުވުން:

މާބަނޑު ދުވަސްވަރުހަށިގަނޑުގައި ހޯރމޯން އިތުރުވުމުގެ ސަބަބުން  އާންމު ގޮތެއްގައި ބުރަކަށީގައި ބާރު ހުންނަވަރަށް ވުރެ އެ ކުޑަވެގެންދާނެއެވެ. އެ ގޮތުން ހުޅުތަކަށް ދޫކަން ލިބި، ބުރަކަށްޓަށް ބާރުގެނެސްދޭ ލިގެމެންޓްސްތަކަށް ދޫކަން އާދެއެވެ. މިއީ ވިހެއުމަށް ތައްޔާރުކުރުމުގެ ގޮތުން އަންނަ ބަދަލުތަކެކެވެ.

ބަރުދަން އިތުރުވުން:

މާބަނޑުވުމުން ހަށިގަނޑުގައި ބަރުދަން ހުންނަ މިންވަރަށް ވުރެ އިތުރަށް ބާރަ ކިލޯ އިތުރުވެގެންދެއެވެ. އޭގެ ސަބަބުން ކުރިއަށް ވުރެ ހަށިގަނޑު ބަރުހެލިވެ ކަންނެތްވެގެންދާ ގޮތްވެއެވެ. އަދި އެހެން ބަރުހެލިވުމުގެ ސަބަބުން އޭގެ ބާރު ކުރުވާނީ ބުރަކައްޓާއި މައިބަދައަށައެވެ. އަދި ހަމަ އެހެންމެ ދަރިފުޅު ބޮޑުވަމުން އަންނަ ވަރަކަށް ބުރަކަށްޓާއި، ޅިނދުގައި ހުންނަ ލޭހޮޅިތައް ފިތުން އެއީ ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. އޭގެ ސަބަބުންވެސް ބުރަކަށީގައި ރިއްސަން މެދުވެރިވެއެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަންނަ ބަދަލުތައް:

ކުރިންވެސް ބުނިހެން މާބަނޑުވުމަކީ މީހާ ވަރުބަލިކުރުވާ ކަމެކެވެ. އެގޮތުން ހިނގާފަ އުޅޭ ގޮތާއި، މީހާގެ ބެލެންސް ހިފެހެއްޓުމަށްވެސް ބަދަލު އާދެއެވެ. އެގޮތުން ދިމާވާ ކަންތަކުގެ ތެރެއިން މައިބަދަ އިނދިފުށަށް ދެމުގެ ސަބަބުން މައިބަދައިގެ ހުޅުތައް ދެމި ބުރަކަށީގައި ރިއްސާގޮތްވެއެވެ.

ބުރަކަށީގެ ރިހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް:

ބުރަކަށީގައި ރިހުން ކުޑަކުރުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކަސްރަތުކުރުން:

ގަވާއިދުން ކަސްރަތުކުރުމަކީ މަސްތައް ވަރުގަދަކޮށްދީ، ހުޅުތަކަށް ވާންވެ ލެބިހެދުމަށް ފަސޭހަކޮށްދޭނެ ކަމެކެވެ. އަދި މިއީ މައިބަދައާއި، ބުރަކަށްޓަށް ކުރާ ބާރު ވެސް ކުޑަކޮށްދޭނެ ކަމެކެވެ. އެގޮތުން ކުރެވިދާނެ ކަސްރަތުތަކަށް ބަލާއިރު، ހިނގުން، ފެތުން އަދި ހާއްސަކޮށް ޔޯގާ އެއީ ކުރެވިދާނެ ކަންކަމެވެ.

ބުރައްކަށި ބޮޑިތާންކުރުން:

 ބުރަކަށްޓަށް ހޫނުކުރުމާއި، ފިނިކުރުމަކީ ވެސް ތަދުކުޑަކޮށްދޭނެ ކަމެކެވެ. އެގޮތުން އެ ތަދުވާ ހިސާބު، 20 މިނިޓް ވަންދެން، ދުވާލަކު ދެތިން ފަހަރު ފިނިފެނުން ބޮޑިތާން ކުރެވިދާނެ އެވެ. އަދި 3-2 ދުވަހު ފިނިފެނުން ބޮޑިތާންކުރުމަށްފަހު، ހަމައެގޮތަށް ތަދުވާ ހިސާބު ހޫނު ފެނުން، ބޮޑިތާން ކުރެވިދާނެ އެވެ. ނުވަތަ ހޫނުފެން ހަމާއި، ހޫނު ފެންފުޅި، ނުވަތަ ހޫނުފެން ޕެޑު ބޭނުންކޮށްގެން ވެސް ބޮޑިތާން ކުރެވިދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް