މިމަހުގެ ތެރޭގައި ހިނގި ބައެއް އެކްސިޑެންޓްތަކުގައި އިހުމާލުވި ޑްރައިވަރުންނާއި މެދު ޓްރާންސްޕޯޓު އޮތޯރިޓީން ފިޔަވަޅު އަޅައިފިއެވެ.
ފިޔަވަޅު އެޅި ޑްރައިވަރުންގެ ތެރޭގައި، މިމަހުގެ 4 ވަނަ ދުވަހު މާލެ ހުޅުމާލެ ލިންކް ރޯޑްގެ ސަރުމާރިތަކުގައި ޖެހި ހިނގި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސް 1 އަހަރަށް ހިފަހައްޓާފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރު އެކްސިޑެންޓެއް ހިނގައި، އަންގަން ޖެހޭ ފަރާތްތަކަށް ނާންގާ ސިއްރުކުރި މައްސަލައާއި ގުޅިގެން ކާރު ދުއްވި ޑްރައިވަރު ޖޫރިމަނާކޮށްފައި ވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިމަހުގެ 7 ވަނަ ދުވަހުގެ ރޭ، ބްރިޖް މަތިން ބާރު ދުވެލީގައި ދުއްވާފައި ދިޔަ ކާރު މަތަނުވެގެން ގޮސް، މެރިން ރިސާޗް ފާރުގައި ޖެހި ހިނގި އެކްސިޑެންޓްގައި، ކާރު ދުއްވަން އިން މީހާގެ ލައިސަންސް 1 އަހަރާއި 6 މަސް ދުވަހަށް ވަނީ ހިފަހައްޓާފައެވެ.
މީގެ އިތުރުން، މިމަހުގެ 8 ވަނަ ދުވަހު މާލެ ހުޅުމާލެ ލިންކް ރޯޑް ރާޑާރ ހިމެނޭ ސަރަހައްދުން ބާރު ދުވެލީގައި ދުއްވާފައި ދިޔަ ކާރު މަތަނުވެ، ސަރުމާރި ތަކުގައި ޖެހި އެކްސިޑެންޓްވި މައްސަލައާއި ގުޅިގެން، ކާރު ދުއްވި މީހާގެ ލައިސަންސް ވަނީ 1 އަހަރަށް ހިފަހައްޓާފައެވެ.
ފުލުހުން ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީން މި މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާފައި ވަނީ، ފުލުހުން މި އެކްސިޑެންޓްތަކުގައި ހިމެނޭ މީހުންނާއި މެދު އިދާރީ ފިޔަވަޅު އެޅުމަށްފަހު އެ އޮތޯރިޓީ އަށް ފޮނުވުމުން ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް