ބުރުސޫރަ- ތިރީސް ފަސްވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... "އަހަރެންގެ ދަރިފުޅަށް މައާފު ކުރޭ ޝާހިދު... އަހަރެން މަންހާ ގޮވައިގެން އިންޑިއާ އަށް ދާނަށް... ދުވަހަކު ވެސް މި އާއިލާ އަށް މަންހާގެ ފަރާތުން އެއްވެސް އުނދަނގުލެއް ވިޔަކަ ނުދޭނަ...

16 Jun 2019 | 06:22

ކުރީގެ އަދަދާ ގުޅޭ...

"އަހަރެންގެ ދަރިފުޅަށް މައާފު ކުރޭ ޝާހިދު... އަހަރެން މަންހާ ގޮވައިގެން އިންޑިއާ އަށް ދާނަށް... ދުވަހަކު ވެސް މި އާއިލާ އަށް މަންހާގެ ފަރާތުން އެއްވެސް އުނދަނގުލެއް ވިޔަކަ ނުދޭނަން... އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ!" ދަރިފުޅު ހައްޔަރުކުރި ޚަބަރާއި އެކީ ކުއްލިގޮތަކަށް މާލެ އައި އަލީ، އާދޭސްކުރަމުން ދިޔައެވެ. ނަމަވެސް ހިތްހަރު ޝާހިދު ހުރީ ޤަބޫލު ކުރާ ގޮތަކަށް ނޫނެވެ. މަންހާގެ ސަބަބުން މުޅި އާއިލާ ވެސް ބަދުނާމު ވެއްޖެއެވެ. ދަންވަރު ގެއަށް ޕޮލިހުން އައުމުން މީޑިއާގައި އެކި ކަހަލަ ޚަބަރުތައް ފެތުރެން ފަށައިފިއެވެ. ނޫސްވެރިން ގުޅާވަރުން ޝާހިދު ހުރީ ފޯނުވެސް ނިވާލައިގެންނެވެ.

"އަލީ... އަހަންނަށް އިނގޭ ދަރިންނާމެދު މައިންބަފައިން ވިސްނާނެކަން... ލޯބިވާނެ ވަރުވެސް އިނގޭ... އަހަރެންވެސް ދަރިން ދެކެ ވަރަށް ލޯބިވޭ... އަހަރެންނަށް އެރޭ ނުވަދެވުން ނަމަ ރާނީ މިއަދު ދުނިޔޭގައި ހުންނާނެ ކަމެއް ވެސް ނޭންގެ... އެއީ އަހަރެންގެ އަމިއްލަ ދަރިޔެއް ނޫންނަމަވެސް ދަރިއެއް ފަދަ... މަންހާ މިހާރު އެވަނީ ހިފަހައްޓާލެވޭ ވަރަށް ވުރެ ގޯސްވެފަ... ރަގަޅު ވާނީ ދުވަސްކޮޅަކު އެތާ ބޭންދިއްޔާ" އަލީގެ ކޮނޑުގައި ޖަހައިލަމުން ޝާހިދު ބުނެލިއެވެ. އަލީ ހުރީ ވަރަށް މާޔޫސްވެފައެވެ.

އެއްގޮތަކަށް ޝާހިދު އެއްބަސްނުވުމުން މާޔޫސްކަމާއި އެކީ އަލީ އެގެއިން ނިކުމެގެން ހިނގައިގަތެވެ. އެ ބައްޕަ އަކީ މިއަދު ވަރަށް ހާލުދެރަ ވެފައިވާ ބައްޕަ އެކެވެ. އަނބިމީހާ ދުނިޔެ ދޫކޮށްފައި ދިޔައީ ވަރަށް ބޮޑު އަމާނާތެއް ހަވާލުކޮށްފައެވެ. އެއީ އަގުބޮޑު އަމާނާތެކެވެ. މި ދުނިޔޭގައި ބައްޕަ އަކަށް ލިބޭނެ އެންމެ ބޮޑު އެއް ޖަވާހިރަކީ އަންހެން ދަރިއެއް ލިބުމެވެ. އަލީގެ ނަސީބުގައި ދެ އަންހެން ދަރިން ވިއެވެ. އަނބިމީހާގެ ހިތްވަރުން ތަރުބިއްޔަތު ކުރި ދެ ދަރިންވެސް މިއަދު ވަނީ އަތުން ބީވެފައެވެ. ތެދު މަގުން ކައްސާލާފައެވެ. ރަގަޅު ތަޢުލީމެއް ހޯދައިދިނުމަށް އިންޑިއާ އަށް ކިޔަވަން ފޮނުވި މާޔާ އެއްރޭ ދަންވަރު ގެއަށް އައީ އިތުރު ފުރާނައެއް ބަނޑުގައި އަށަގަންނަވައިގެންނެވެ. އެކަމުން އަރައިނުގަނެވިގެން އުޅެނިކޮށް، ބޮޑު އަންހެން ދަރިފުޅު ގެންދިޔައީ ފުލުހުންނެވެ. ނަސީބު ހަމަ ދެރައީއެވެ. ނޫނީ މީ އަލީގެ ކުށްބާއޭ ހިތައް އަރަމުން ދިޔައެވެ. ދަރިންގެ ފަރާތުން މުސްކުޅިވި ދުވަހު މިލިބެނީ ވޭނާއި އިންތިހާ ދަރަޖައިގެ ހިތްދަތިކަމެވެ. އެއްވެސް އުފަލެއް ނެތެވެ.

***

"ޝަމީމާ އިޒް އޮން އަ ބިގް ޕްލޭން އައި ގެސް" ރާނީ ކައިރީ އިށީންދެ އިން ޒައިނާ ބުނެލިއެވެ.

"އާނ ހާދަ ބޮޑާ މީހެކޭ އެއީ... ވަރަށް ނުލަފާ ގޮތަކަށް އަދި ބަލާނީ ވެސް" ސޯފާގައި އޮށޯވެގެން އޮތް މާޒިން ވެސް ބުނެލިއެވެ.

"ރާނީ ހެޕީތަ؟ ބައްޕަ ފެނުނީމަ؟ އާއިލާ އެއްވެސް އޮންނާނެ އެއްނު އަދި ދޯ؟" ރާނީގެ ބޮލުގައި ފިރުމައިލަމުން ޒިއަން އަހައިލިއެވެ. ރާނީ ހީލުމަށްފަހު ބޯ ޖަހައިލިއެވެ. އަދިވެސް ރާނީގެ ކަރުން ބެންޑޭޖް ނުނަގާތީ ރާނީ އިންނަނީ އަތަކަށް އެނބުރިލާން ވެސް ނުކެރިފައެވެ. އަދިވެސް މަންހާ އިނގިލިތައް ވައްދައިލި ތަނަށް ތަދުވެއެވެ. ނަމަވެސް އެކަން ފޮރުވައިގެން އިނީ އެންމެން އިތުރަށް ހާސްވެދާނެތީއެވެ.

"ކޮންއިރަކުން ގެއަށް ދެވޭނީ؟" ރާނީ އަހައިލިއެވެ.

"ހިނގާ ދާން؟" ރާނީގެ އަތުގައި ހިފައި ދަމައިލަމުން ޒިއަން ބުނެލިއެވެ.

"ދެން ޒިއަން އަސްލުއޭ" ހީލުމަށްފަހު ރާނީ ބުނެލިއެވެ. ޒިއަން ރާނީ ކައިރީ އެނދުމަތީ އިށީންނަމުން ރާނީގެ ބޮލުގައި ފިރުމައިލިއެވެ.

"މިރޭ އިރާދަކުރެއްވިއްޔާ ދެވޭނެ" ޒިއަން ރާނީގެ ނިތުގައި ތުންފަތް ޖައްސައިލިއެވެ.

"ކައެ ދެން ހާދަ ރޯމިއޯ ޓައިޕްއޭ މިހާރު" ހިނިގަނޑެއް ޖަހައިލަމުން މާޒިން ބުނެލިއެވެ. އެކަމާ ޒައިނާ ވެސް އެއްބަސްވިއެވެ.

"އީމާން އޭގެ ފަހުން ނާދޭތަ؟ އޭނަ އަށް ކިހިނެއް ވެފަ އެ ހުންނަނީ؟" މާޒިންގެ މޫނަށް ބަލައިލަމުން ޒިއަން އަހައިލިއެވެ. އެ އަޑު އިވުމުން މާޒިން އަށް ބަލައިލެވުނީ ޒައިނާގެ މޫނަށެވެ. އީމާން އަށް ވީ ގޮތް އެދެމީހުންނަށް ހަމަ ރަގަޅަށް އިނގެއެވެ. އެއީ ޒިއަން ދުވަހަކުވެސް ނުވިސްނާނެވަރުގެ ކަމެކެވެ. ރާނީ އިންދައި އެވާހަކަ ދައްކަން މާޒިން ބޭނުމެއް ނުވިއެވެ.

"ޒިއަން ހިނގާބަލަ ކޮފީ އަކަށް މަ ވަރަށް ބަނޑުހައި" ސޯފާއިން ތެދުވެ ހިނގައިގަންނަމުން މާޒިން ބުނެލިއެވެ. ޒިއަން ވެސް ވަރަށް ބަނޑުހައި ކަމަށްބުނެ ހިނގައިގަތެވެ. ވީ ގޮތް ނަގައިގަނެވުނީ ޒައިނާ އަށް އެކަންޏެވެ.

ޒިއަން މެން ދިޔަތާ އިރުކޮޅެއް ފަހުން ދޮރު ހުޅުވާލައިފައި ވަނީ ޝަމީމާ އަދި ވިލިއަމް އެވެ. ފަހަތުން ޝިޔާ ވެސް އައެވެ. ވިލިއަމް ފެނުމުން އެމީހުން ދެއްކީ ތެދު ވާހަކައެއްކަން ޒައިނާ އަށް ނަގައިގަނެވުނެވެ. ރާނީ އަކީ ހަމަ ވިލިއަމްގެ ކޮޕީ އެކެވެ.

"ހައި ކްއީން ހައު އާރ ޔޫ؟" ވިލިއަމް ފުރަތަމަ ވެސް އަހައިލީ ރާނީގެ ހާލެވެ. ވިލިއަމް ރާނީ ކައިރީގައި އިށީންނަމުން ރާނީގެ އަތުގައި ހިފައިލިއެވެ. ރާނީ ރަގަޅު ކަމަށް ބުނެލީ ހިނިތުންވުމަކާއި އެކީގައެވެ.

"ރާނީ ކަލޭ ދޫކޮށްލާކަށް ނުވޭތަ؟" ޝަމީމާގެ އަޑުގައި އެއްވެސް ރަހުމެއް ނެތެވެ.

"އަހަރެން މިއުޅެނީ ޝިޔާ ޖަރުމަނަށް ކިޔަވަން ފޮނުވަން... ވިލިއަމް ބުނީ ރާނީ ދޫކޮށްލީމަޔޯ ދާނީ..." ސޯފާގައި އިށީންނަމުން ޝަމީމާ އަނެއްކާވެސް ބުނެލިއެވެ. ރާނީ ބަލައިލީ ޒައިނާގެ މޫނަށެވެ. ޒައިނާ ވެސް ހުރީ ހައިރާން ވެފައެވެ. ވިލިއަމް އިނީ އެ މީހުން ދައްކާ ވާހަކައެއް ނޭންގިފައެވެ.

"ޖަރުމަނަށް ކިޔަވާށޭ؟" ޝަމީމާގެ މޫނަށް ބަލައިލަމުން ސުވާލު ކޮށްލީ ޒައިނާ އެވެ. ޝަމީމާ ފާޑަކަށް ހީގަތެވެ.

"އާނ.. ކަލޭމެން ހީކުރީ އަހަރެން ބޮޑު ކަނޑެއް ހުރަސްކޮށްފަ މި މީހާ ގޮވައިގެން މާލެ އައީ އަހަރެން ރަގަޅު ކަމުން ކަމަށްތަ؟ އަހަރެންނަކީ ތި ހީކުރާ ކަހަލަ މީހެއް ނޫން... އަހަރެން މި މީހާ ގޮވައިގެން އައީ މީނަ އާދޭސްކޮށްފަ ރޯން ހެދީމަ ކަމެއް ޝަރުތުކޮށްފަ... އެއީ މަގޭ ޝިޔާ ޖަރުމަނަށް ފޮނުވައިގެން ކިޔަވައިދިނުން... ދެން މަގޭ ގެ ހަދައިދޭ މަތިން" ވަރަށް ހަމަޖެހިލައިގެން އިނދެ ޝަމީމާ ވާހަކަދެއްކި ނަމަވެސް އެ އަޑުގައި ވަނީ ހަރުކަށިކަމެވެ. ޖެހިލުން ކުޑަ ކަމެވެ.

"އޭނަ ދެން މިއަދު އެބުނަނީ އެކަން ވާން އޮތީ ރާނީ ރަގަޅު ވީމަޔޯ..." އަނެއްކާވެސް ޝަމީމާ ވާހަކަ ދެއްކިއެވެ. ޝަމީމާގެ ވާހަކަތައް އަހާފައި ރާނީގެ އިތުރުން ޒައިނާ ވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.

"ކެން ވީ ޓޯކް؟" އެންމެފަހުން ޒައިނާ ވިލިއަމް ކައިރީ އަހައިލިއެވެ. ވިލިއަމް ހީލުމަށްފަހު ޒައިނާގެ ފަހަތުން ބޭރަށް ނިކުތެވެ.

"ކަލޭ ހީނުކުރައްޗޭ މަ އަދިވެސް ކަލޭ ދޫކޮށްލާނެއޭ... މަށެއް ހަނދާނެއް ނުނެތޭ ކަލޭ މަ ނުދާށޭ ގޮވަ ގޮވާ އޮއްވަ ފިލައިގެން މިތަނަށް އައި ދުވަހެއް... މާލޭގެ މުއްސަންޖަކާ އިނދެވުނީމަ މަށަށް އިނގެޔޭ ހިތާހިތުން ވަރަށް ފޮނިވެފަ ކަން ތިއިނީ... ބަލައްޗޭ ކަލެއަށް ވުރެ މުއްސަނދި ވެލާނަށް އަހަރެން... ގެވެސް އެކީ އަތުލާނަން... ތިހާ ފޮންޏަކު މަ ދުނިޔޭގަ ހުއްޓައެއް ނޫޅެވޭނެ..." މިހެން ބުނުމަށްފަހު ސޯފާއިން ތެދުވެ އެކޮޓަރިން ޝަމީމާ ނިކުމެގެން ދިޔައީއެވެ.

"މަންހާ ނެތަސް އަހަރެން އަދި އެބަހުރިން" ރާނީ އާއި ހަތަރުކަޅި ހަމަކޮށްލަމުން ޝިޔާ ބުނެލިއެވެ. ޝިޔާ ދިނީ އިންޒާރެކެވެ. ރާނީ ދެންވެސް އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ.

***

"ޒިއަން އީމު އަށް ވަރަށް ބަލަންޖެހޭ އެބަ" މާޒިން ބުނެލިއެވެ. މާޒިން އާއި ޒިއަން އިށީންދެގެން ތިބީ ސީހައުސް ރެސްޓޯރެންޓްގައެވެ.

"ކިހިނެއްވީ އޭނަ އަށް؟" ކޮފީ ތަށިން ތުން ނަގަމުން ޒިއަން އަހައިލިއެވެ.

"ޒިއަން މަންހާ އާ ރައްޓެހި ވާނަންތަ އީމާން މަންހާ ދެކެ ލޯބިވާ ކަން އިނގޭނަމަ؟" މާޒިން ކޮށްލި ސުވާލުން ޒިއަންގެ ދެބުމަ ގާތް ކޮށްލިއެވެ.

"ކީކޭ ތި ކިޔަނީ؟" އަދިވެސް ޒިއަންގެ މޫނުމަތީގައި ވަނީ ހުސް ސުވާލު މާކެވެ.

"އިޓްސް ޓްރޫ... އީމު އެންމެ ކުރިންވެސް މަންހާ ދެކެ ލޯބިވޭ... އެހެންވެ އޭ ބިޓެއް ނުނަގާ އެ ހުރީ... މިހާރު ގެޓު ވެއްޖެ މަށަށް ވެސް" ދުރު ބަލައިލަމުން މާޒިން ބުނެލިއެވެ. ޒިއަންގެ ނަޒަރު ވަނީ މާޒިންގެ މޫނަށް ހުއްޓިފައެވެ.

"އެރޭ އީމު މަންހާ އާ ދިމާލަށް އެއްޗެހި ކިޔާލަމުން އެހެން ބުނީ... މަންހާ އެރެސްޓް ކުރީމަ އޭނަ ވަރަށް ދެރަވާނެ" މާޒިން އަސަރާ އެކީ ބުނެލިއެވެ. އޭނަގެ ހިތް މިވަގުތު ވަނީ އީމާން އަށްޓަކައި ހަމަދަރުދީ އިން ފުރިފައެވެ.

"ނަސީބެއްނު އީމާން އެވަބާގަ ނުޖެހުނުކަން..." އެހުރިހާ ވާހަކައެއް އަޑު އެހުމަށްފަހު ޒިއަން އަށް ހަމައެކަނި ބުނެވުނީ މިހެންނެވެ.

"ފަހަރެއްގަ ޒިއަން މަންހާ އާ ރައްޓެހި ނުވިނަމަ މިހެންނެއް ނުވާނެ..." މާޒިން ބުނެލިއެވެ. ޒިއަން ވެސް ބޯ ޖަހައިލިއެވެ.

****

"އަހަރެމެން ދެން ޝިޔާ ހުންނަގޭގަ ކުޑަކުޑަ ތަންކޮޅަކު މިތިބެނީ... ދެން އެމީހުންވެސް ބުނެފި ނިކުންނާށޭ ވެސް މީހުން ގިނަކަމުން... ރާނީ ބަލިވީމަ ކުއްލިއަކަށް އަންނަން ޖެހުނީމަ އަދި ތަނެއްވެސް ނުބެލިގެން މިއުޅެނީ..." ޝަމީމާ ވާހަކަ ދެއްކިއެވެ. އެމީހުން އެވަގުތު ތިބީ ޒާހިދާ ކައިރީ އެގޭގައެވެ. އެގެއަށް ޝަމީމާ ގޮވައިގެން އައީ ޝިޔާ އެވެ.

"ވަރަށް އުފާވެއްޖެ ރާނީގެ އާއިލާ މީހަކާ ބައްދަލު ވީމަ... ތަނަކު ހުންނާނެ ކަމެއް ނެތް މިގެއަށް އާދޭ... މިގޭގަ ތިމީހުންނަށް ތިބެވޭނެ" އެންމެފަހުން ޒާހިދާ ބުނެލިއެވެ. ޝަމީމާ ހުރިހާ ދަތެއް އެކީ ދައްކައިލިއެވެ.

"އަޅޭ ދެން މިގެއަށް ދޯ..." މުޅި ގެއަށް ނަޒަރު ހިންގައިލަމުން ޝަމީމާ ފުރަތަމަ ގޮތް ދައްލައިލިއެވެ.

"ރަގަޅު ވާނެ... މިގޭގަ ހަމަޖެހިލައިގެން އުޅެވޭނެ..." ޒާހިދާ އަނެއްކާވެސް ބުނެލިއެވެ.

"ދެން ޒާހި ތިވަރަށް ކިޔަންޏާ މިއަދު ބަދަލުވާނަން... އެކަމަކު ރާނީ ރަގަޅު ވެލީމާ އަހަރެމެން ދާނަން އިނގޭ" ޒާހިދާގެ އަތުގައި ހިފައިލަމުން ޝަމީމާ ބުނެލިއެވެ. ޒާހިދާވެސް އުފަލާ އެކީ ބޯޖަހައިލިއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް