ފީފާ ވޯލްޑް ކަޕް: ފަހު ވަގުތު ފްރާންސަށް ހަނި މޮޅެއް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީ ގެ ފުރަތަމަ މެޗުގައި ފަހު ވަގުތު ޕޮގްބާ ޖެހި ލަނޑާއެކު، ފްރާންސުން އޮސްޓްރޭލިއާގެ މައްޗަށް 2-1 ގެ ހަނި މޮޅެއް ހޯދައިފިއެވެ. ގްރީޒްމަން، ޑެމްބެލޭ އަދި އެމްބާޕޭގެ މައްޗަށް ހ...

16 Jun 2018 | 15:02

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީ ގެ ފުރަތަމަ މެޗުގައި ފަހު ވަގުތު ޕޮގްބާ ޖެހި ލަނޑާއެކު، ފްރާންސުން އޮސްޓްރޭލިއާގެ މައްޗަށް 2-1 ގެ ހަނި މޮޅެއް ހޯދައިފިއެވެ.

ގްރީޒްމަން، ޑެމްބެލޭ އަދި އެމްބާޕޭގެ މައްޗަށް ހިމެނޭ ވަރުގަދަ ފޯވާޑް ލައިނާއެކު މެޗު ފެށި ފްރާންސްގެ ފަރާތުން އެ ޓީމުގެ އެންމެ މޮޅު ކުޅުން މިރޭ ފެނިގެނެއް ނުދިޔައެވެ. އެހެނަސް، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ހަމަލާތައް އުފައްދަން އެ ޓީމުން ވަނީ މަސައްކަތް ކޮށްފައެވެ.

ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމުނު ފުރަތަމަ ހާފަށް ފަހު، މެޗުގެ ފޯރިގަދަވީ ދެ ވަނަ ހާފުގެ ކުރީކޮޅު ފްރާންސަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އޮސްޓްރޭލިއާގެ ރިސްޑަން، އެންޓޮއިން ގްރީޒްމަންއަށް ފައުލްކުރީ ޕެނަލްޓީ އޭރިޔާގެ ތެރެއިންކަން ކަށަވަރު ކުރުމަށް ރެފްރީ ވީއޭއާރގެ އެހީ ހޯދިއިރު، މިއީ ވޯލްޑް ކަޕްގެ ތާރީޚްގައި ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ބޭނުން ކުރުމަށްފަހު ޕެނަލްޓީއެއް ދިން ފުރަތަމަ ފަހަރެވެ.

ގްރީޒްމަން ކާމިޔާބު ކޮށްދިން ޕެނަލްޓީން ފްރާންސް ލީޑު ނެގި ނަމަވެސް، އޭގެ އެންމެ ހަތަރު މިނިޓު ފަހުން، އޮސްޓްރޭލިއާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ވެސް ލިބުނު ޕެނަލްޓީ އަކުން ޖެހި ލަނޑެކެވެ. އޮސްޓްރޭލިއާއަށް މި ލަނޑު ޖަހައިދިނީ، މައިލް ޖެޑިނަކް އެވެ.

މެޗު ނިމެން އެންމެ 10 މިނިޓަށް ވެފައިވަނިކޮށް ފްރާންސް މޮޅުވި ލަނޑު ޖަހައިދިނީ ޕައުލް ޕޮގްބާއެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ މަތީ ދަނޑިއަށް އަމާޒުވެފައި އަހިސް ޖެހުނީ، ގޯލް ލައިންގެ އެތެރޭގައެވެ.

ފްރާންސް އިން ފުރަތަމަ މެޗުން އުނދަގޫ މޮޅެއް ހޯދާފައިވާއިރު، އޮސްޓްރޭލިއާއަށް މިއީ މާޔޫސްވާން ޖެހޭފަދަ ނަތީޖާއެއް ނޫނެވެ. މި ގްރޫޕްގައި މިރޭ ދެން ބައްދަލުކުރާ ޕެރޫ އާއި ޑެންމާކްއާ ދެކޮޅަށް އޮސްޓްރޭލިއާއަށް ރަނގަޅު ނަތީޖާއެއް ނެރެވުން ގާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް