ޖަޕާނު ސަރުކާރުން ރާއްޖެއަށް 2.7 މިލިއަން ޑޮލަރުގެ އެހީ ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މި އެހީ ދީފައިވަނީ ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެވެ. އެހީ ޖަޕާނުގެ ފަރާތުން ހަވާލު ކުރެއްވީ ގައުމުގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ އެވެ.
މި އެހީ ދީފައިވަނީ ޖަޕާނުގެ ޖަޕަނީޒް އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ނެވެ. އެހީ ދީފައިވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށެވެ. ޖަޕާނުން ރާއްޖެއަށް އެންމެ ގިނައިން އެހީދޭ ދާއިރާއަކީވެސް ސިއްހީ ދާއިރާ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު އާސިމް، ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖެ-ޖަޕާންގެ ޑައިލޮގުގެ ފުރަތަމަ ބުރުގެ މަޝްވަރާތައް ބޭއްވި ކަމަށެވެ. އަދި ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީން، ޓްރެވަލް ޓްރޭޑް މަންދޫބުންނަށް އަމާޒުކޮށް ބޭއްވި ސެމިނާއެއްގައި ވެސް މިނިސްޓަރު ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން ޖަޕާނުގެ ބައެއް ވަޒީރުންނާ ބައްދަލު ކުރައްވައި، ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާތައް ކުރެއްވި އެވެ.
ޖަޕާނަކީ ރާއްޖެ އަށް މާލީ ގޮތުން ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް