އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މަންދޫބުގެ ގޮނޑިއަށް ރާއްޖެއިން ވާދަ ކުރި އިންތިހާބުގައި އިންޑިއާއިން ވޯޓު ދިނީ ރާއްޖެއާއި ދެކޮޅަށް ކަމަށް އެ ގައުމުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ދަ ޕްރިންޓް ކިޔާ ނޫހަކުން އެ އޮފިޝަލާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އިންތިހާބުގައި އިންޑިއާއިން ވޯޓު ދިނީ އިންޑޮނޭޝިއާ އަށެވެ. އެކަމަކު ރާއްޖެއަށް ވޯޓު ނުދިން ސަބަބެއް އޮފިޝަލު ވިދާޅުވެފައެއް ނުވެ އެވެ.
އިންޑިއާ ސަރުކާރުގެ އޮފިޝަލަކު މިހެން ވިދާޅުވި އިރު އެ ވޯޓުން ރާއްޖެ ބަލިވިތާ އެއް ދުވަސް ފަހުން ދިއްލީގައި ހުންނަވާ ރާއްޖޭގެ ހައި ކޮމިޝަނަރު އަހުމަދު މުހައްމަދު ވިދާޅުވީ އެ ގޮނޑިއަށް ވާދަ ކުރުމަށް އަވައްޓެރި އިންޑިއާގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށެވެ. އަދި ރާއްޖެ އާއި އެކު އިންޑިއާ ވާކަން ލިޔުމުން މިމަހުގެ ހަތް ވަނަ ދުވަހު އެ ގައުމުން ޔަގީންކޮށްދިން ކަމަށް ސަފީރު ވިދާޅުވެފައިވެ އެވެ.
ރާއްޖެއަށް ވޯޓު ނުދޭން އިންޑިއާއިން ނިންމީ މިދިޔަ މަހުގެ ފަހުކޮޅު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިންޑޮނޭޝިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ކަމަށް އެ ނޫހުގައި ލިޔެފައިވާ ރިޕޯޓުގައި ބުނެފައިވެ އެވެ.
އިތުރަށް ބުނެފައިވަނީ 2008 ގައި އެންމެ ފުރަތަމަ އެ ގޮނޑިއަށް ރާއްޖެއިން ކުރިމަތި ދުވަހު ފެށިގެން އިންޑިއާ އޮތީ ރާއްޖެ އާއި އެކުގައި ކަމަށާއި ކުއްލިއަކަށް އިންޑިއާގެ ވިސްނުން ބަދަލުވެ ރާއްޖެއާއި ދެކޮޅަށް ވޯޓު ދިނީ މިފަހަކަށް އައިސް ދިވެހި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްގެން ހިންގަމުންދާ ޝަރީއަތްތަކާއި އިއްވަމުންދާ ހުކުމްތަކަކީ އިންޑިއާއިން ގަބޫލު ކުރާގޮތުގައި އިންސާފުވެރި ކަމާއި އެކު ކުރިޔަށްދާ ޝަރީއަތްތަކެއް ނޫނެވެ.
ރާއްޖެއާއި ވާދަކޮށް އެ ގޮނޑި ކާމިޔާބު ކުރީ އިންޑޮނޭޝިއާއިންނެވެ. ރާއްޖެއަށް 46 ގައުމުގެ ވޯޓު ލިބުނު އިރު އިންޑޮނޭޝިއާ ގޮނޑި ކާމިޔާބު ކުރީ 146 ވޯޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް