އުމުރުން ދުވަސްވީ މީހުންގެ މެދުގައި ކޯވިޑް-19 ފެތުރޭތޯ ބަލަން ނަގަމުންދާ ސާމްޕަލްތަކުގެ ތެރެއިން އެކަކުގެ ސާމްޕަލް ޕޮސިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނަގަން ފެށިތާ މިއީ ހަތަރު ވަނަ ދުވަސް ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ޓެސްޓު ކުރި މީހުންގެ ތެރެއިން ޕޮސިޓިވްވީ މިއަދު ސާމަޕްލަން ނެގި އުމުރުން ދުވަސްވީ މީހެއް ކަމަށެވެ
ނަޒްލާ ވިދާޅުވީ ގޭގޭގައި ބޭރަށް ނުނިކުމެ ތިބޭ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނަގާއިރު އެގޭގައި ޒަރޫރީ ތަކެތި ގަތުމަށް ބޭރަށް ދާ މީހާގެ ސާމްޕަލްވެސް ނަގާނެ ކަމަށެވެ. އެއީ އެފަދަ މީހުންގެ ފަރާތުން އުމުރުން ދުވަސްވީ މީހަކަށް ބަލި ޖެހުމުގެ ފުރުސަތު އޮތުމުން އެކަން ޔަގީން ކުރުމަށެވެ.
ކޯވިޑް-19 ޖެހޭ މީހުންގެ ތެރެއަށް އެންމެ އަވަހަށް ނުރައްކާތެރި ހާލަތަކަށް ދަނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ. އެހެންވެ އެމީހުންގެ މެދުގައި ރާއްޖޭގައި ބަލި ފެތުރޭތޯ ބެލުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.
ރާއްޖޭގައި އާންމުކޮށް ވައިރަސް ޖެހެމުންދަނީ ޒުވާނުންނާއި މެދުއުމުގެ މީހުންގެ މެދުގައި އެވެ. އެހެންވެ ޕޮސިޓިވްވާ ގިނަ މީހުންގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެނި ބަލިން ރަނގަޅުވެ އެވެ. މި ބަލީގައި ނުރައްކާތެރި ހާލަތަކަށް ދަނީ ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް1،078 މީހަކު ޕޮސިޓިވްވެފައިވާއިރު58 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ. މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް