މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ އިއްޔެ މެންދުރު2:00 ގެ ނިޔަލަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ކާޑެއްދޫއަށް ކަމަށް މޯލްޑިވްސް މީޓްރޮލޮޖީ ސާވިސްއިން ބުނެފި އެވެ
މެޓް އޮފީހުން ބުނީ ހުރިހާ ރަށަކަށް ވާރޭ ވެހޭވަރު އެ އިދާރާއިން ރެކޯޑު ކުރާ ކަމަށެވެ. އޭގެ ތެރެެއިން ފާހަގަ ކުރަނީ 50 މިލިލީޓަރަށްވުރެ ގިނައިން ވާރޭ ވެހޭ ރަށްތަށް ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ. އެގޮތުން އެންމެ ގިނައިން ވާރޭ ވެހިފައިވާ ކާޑެއްދޫއަށް120 މިލިލީޓަރުގެ ވާރޭ ވެހުނެވެ.
ދެވަނައަށް ގއ. ކޮލަމާފުއްޓަށް އެންމެ ގިނައިން ވާރޭވެހިފައި ވާއިރު އެރަށަށް 113 މިލިލީޓަރުގެ ވާރޭ ވެހުނެވެ. ތިން ވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ށ. ފުނަދޫއަށެވެ. އެއީ83 މިލިލީޓަރުގެ ވާރޭ އެވެ.
މެޓް އޮފީހުން ލަފާ ކުރާގޮތުގައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ބާރަށް ގުގުރުމުގެ އިތުރުން އާދަޔާ ހިލާފަށް ވައި ބާރުވެފައިވަނީ ރާއްޖޭގެ އިރު އިތުރުގައި އުފެދެމުންދާ ތޫފާނެއްގެ ސަބަބުންނެވެ. އެ ތޫނާ އަދި އުފެދިފައި ނުވާއިރު ތޫފާން އުފެދުނަސް ރާއްޖެއަށް އޭގެ އަސަރު ނުކުރާނެ ކަމަށް ލަފާ ކުރެ އެވެ.
އުފެދެމުންދާ ތޫފާނުގެ މިސްރާބު ރާއްޖެއާއި ދުރަށް ހުރި އިރު މިހާރު ޖެހެމުންދާ ވައި ކޮންޓްރޯލް ވާނީ ހަތަރު ވަރަކަށް ދުވަސް ފަހުން އެ ތޫފާނު ރާއްޖެއާއި ދުރަށް ދިއުމުންނެވެ.
ބޯކޮށް ވާރޭވެހި އާދަޔާ ހިލާފަށް ވައި ބާރުވެ، ބާރަށް ގުގުރުމާއި ތުފާނެއް ރާއްޖެ މަތިން ދަތުރު ކޮށްފާނެ ކަމަށް ލަފާކޮށް އިއްޔެ ވަނީ ފުރަތަމަ ފަހަރަށް އޮރެންޖު އެލާޓު ނެރެފައި އެވެ. އެވަގުތުގައި ރާއްޖެއަށް55 މޭލަށް ވުރެ ވައި ގަދަވެފައިވާއިރު އެކި ރަށްރަށަށް ވަނީ ގެއްލުންތަށް ލިބިފައި އެވެ.
އެގޮތުން ގޭގޭގެ ފުރާލު އެއްލާލުމާއި ބޮޑެތި ގަސްތައް ވެއްޓުމުގެ ހާދިސާތައް ހިނގާފައިވެ އެވެ. އަދި ބޯކޮށް ވާރޭވެހި ރަށްރަށުގައި ފެންބޮޑުވެ ގޭގެއަށް ފެން ވަދެފައިވެ އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ. އަދި މި ދުވަސްވަރު ކަނޑުދަތުރު ނުކުރުމަށް އިލްތިމާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް