ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
ޔާމީންގެ އިސްލާމިކް ބޭންކްގެ އެކައުންޓްތައް ދޫކުރުމަށް ހައިކޯޓުން ކުރި އަމުރު އިސްތިއުނާފް ކޮށް އެ މައްސަލައިގެ އަޑުއެހުން ބާއްވާފައިވަނީ މިއަދު ހެނދުނެވެ.
މިއަދު ގެ އަޑުއެހުމުގައި ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ޔާމީންގެ އެކައުންޓްތައް ދޫކުރުމަށް ހައިކޯޓުން ނެރުނު އަމުރު ބާތިލު ކޮއްދިނުމަށާއި ޔާމީންގެ ނަމުގައިވާ ބީއެމްއެލް އަދި މޮރީޝިއަސް ބޭންކްގައި ހުޅުވާފައިވާ އެކައުންޓްތައް ފްރީޒް ކޮއްދިނުމަށެވެ.
އަދި ދައުލަތުންވަނީ ހައުކޯޓުން ޔާމީނުގެ އެކައުންޓްތައް ފްރީޒްކުރުން ހުއްޓުވުމަށް ނެރުނު އަމުރަށް އަމަލު ކުރުން ފަސްކޮއްދިނުމަށް އެދި ވަގުތީ އަމުރަކަށްވެސް އެދިފައެވެ.
މީގެއިތުރުން މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ، އެ މައްސައިގައި ހައިކޯޓުން ކުރި ހުކުމް ބާތިލުކުރުމަށް އެދިލައްވާ ކަމަށާއި، އެމައްސަލައިގައި ހައިކޯޓުން ކަމާއި ގުޅުންހުރި އިތުރު ޤާނޫނުތަކަށް ނުބައްލަވާ ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 މާއްދާ ސުޕްރީމް ކޯޓުން މާނަ ކޮށްދޭންޖެހޭ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް