ކުރީގެ އަދަދާ ގުޅޭ...
ހަވީރު ވެއްޖެއެވެ. އަދިވެސް ޒިއަންގެ ހަބަރެއް ނުވެއެވެ. ޒިއަން މަތިން ހަނދާންވި ވަރަކަށް ރާނީ އަށް ހައްތަހާ ބޮޑަށް ރޮވެނީއެވެ. މިހާރު ޒިއަންގެ ފޯނަށް ދެތިން ފަހަރު ގުޅައިވެސް ފިއެވެ. ނަމަވެސް ޒިއަން ފޯނެއް ނުނަގައެވެ.
މާބޮޑަށް ވިސްނޭތީ ރާނީ ނިކުތީ ބަގީޗާ އަށެވެ. ރާނީ ނިކުތްއިރު މަންހާ ހުރީ ބަގީޗާ ތެރޭގައެވެ.
"ރާނީ އިސްތަށިގަނޑަށް ކިހިނެއް ހަދާފަ ތިހުރީ؟" ރާނީ ހަމަ ފެނުމާއި އެކީ މަންހާ އަހައިލިއެވެ. ރާނީ އަނގައިން ނުބުނެ ދާން ހިނގައިގަތުމުން މަންހާ ދުވެލާފައި ގޮސް ރާނީގެ ކުރިމައްޗަށް އެރިއެވެ.
"ދެރަވީތަ؟ ޒިއަން އަށް ފެނުނީމަ ވަރަށް ފޫހިވާނެ" އަނގަޔަށް ވައްތަރެއް ޖައްސައިލަމުން މަންހާ ބުނެލިއެވެ. ރާނީ އަނެއްކާވެސް ދާން ހިނގައިގަތެވެ. ރާނީ ހިނގައިގަތުމުން މަންހާ ފާޑަކަށް ހީލިއެވެ. އެއަޑު ރާނީ އަށް ހަމަ ރީއްޗަށް އިވުނެވެ.
***
ދަތުރު ގޮސްފައި ޒިއަން މެންނަށް އާދެވުނީ އިރުއޮއްސެން ކައިރިވެފައި ހުއްޓައެވެ. ދަތުރަކީ ވަރަށް މަޖާ ދަތުރެކެވެ. މާޒިން އާއި ސަބާގެ ގުޅުން ވެސް މި ދަތުރުގައި ވަރަށް ބޮޑަށް ބަދަހިވެގެން ދިޔައެވެ. ހިސާބުގަނޑުން ވަރަށް ބައިވަރު ކުދިން ދަތުރުގައި ބައިވެރިވުމުން، ބައިވަރު ރައްޓެހިންތަކެއްވެސް ލިބިގެން ދިޔައެވެ.
"އޭ މަގޭ ފޯނު ކޮބާތަ؟" ގެއަށް ދާން ޕިކަޕަށް އެރުމަށްފަހު ޒިއަން އަހައިލިއެވެ. ޒިއަން އަށް ފޯނު ލެވުނީ ކޮންމެވެސް ކުއްޖެއްގެ ދަބަހަށެވެ.
"ކޮންމެވެސް ކުއްޖެއްގެ ދަބަހަށް މަގޭ ފޯނު ލެވުނީ... ހޯދާލަބަލަ" ޒިއަން ބުނެލިއެވެ. އެ ޕިކަޕުގައި އެއްވެސް ދަބަހެއް ނެތެވެ. ހުރިހާ ދަބަސްތަކެއް ހުރީ އަންހެން ކުދިން ތިބި ޕިކަޕުގައެވެ. އެ ޕިކަޕު މާ ކުރިން ނައްޓާލައިފިއެވެ.
ރޭގަނޑުވީ އިރުވެސް ޒިއަންގެ ފޯނެއް ނުފެނުނެވެ. މަނިކު ދަތުރުގައި ބައިވެރިވި ފަހަރަކު ކުއްޖަކަށް ގުޅައިގެން ޒިއަންގެ ފޯނު އޮތްތޯ އަހަމުން ދިޔައެވެ.
"ކަޑައެއްނު މުޅިން... ކަލޭ ޖެހޭ ވިއްޔާ އެއްޗެއް ފެންނައިރަށް އެޔަކަށް ފޯނު ލާން" މާޒިން ބުނެލިއެވެ. ޒިއަން އިނީ ފޯނު ގެއްލުމުން ވަރަށް ދެރަވެފައެވެ.
"އަނެއްކާ އެރަށުގަ ބާއްވާފަތަ އެއާދެވުނީ؟" އީމާން ވަރަށް ހާސްވެފައި ބުނެލިއެވެ. އީމާން އެހެން ބުނުމުން އަތުގައި އޮތް ކުޝަން އީމާން އާއި ދިމާލަށް ހޫރައިލުމަށްފަހު ޒިއަން ނިކުތީ ބޭރަށެވެ.
މި ދަތުރު ގިޓާ ނުލައި އާދެވުމުން ޒިއަން ހުރީ ކޮންމެވެސް ވަރަކަށް ފޫހިވެފައެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުގެ މަސްތުގައި ޒިއަން އޮތީ ޖޯލީގައި ލޯ މަރައިލައިގެންނެވެ.
"އެއްޗެއް ގެއްލިގެންތަ ތިއުޅެނީ؟" ވަރަށް ކައިރިން މީހެއްގެ އަޑު ޖެހުމުން ޒިއަން ލޯ ހުޅުވައިލިއެވެ. ކުރިމަތީގައި ހުރީ މިއަދުގެ ދަތުރުގައި ބައިވެރިވި އަންހެން ކުއްޖެކެވެ. އެކުއްޖާ މިއަދު ޒިއަން އާއި ވަރަށް ކައިރިން އުޅުނު ކަމަށް ޒިއަން އަށް ވަރަށް ފާހަގަވިއެވެ. ޒިއަން ހަމަ ދާހާ ތަނަކަށް ފަހަތުން އަންނަ ކަމަށް ވެސް ޒިއަން އަށް ވަރަށް ފާހަގަވިއެވެ.
"އާނ.. ފޯނު ގެއްލިގެން" ޒިއަން ބުނެލިއެވެ. އެކުއްޖާގެ ޖީބުން ނަގާފައި ދިއްކޮށްލީ ޒިއަންގެ ފޯނެވެ. ޒިއަން އަށް ލިބުނީ ބުނެދެން ނޭންގޭ ފަދަ ހިތްހަމަޖެހުމެކެވެ.
"އަހަރެން ހީކުރީ ތީ ސިންގަލް ކުއްޖެއް ކަމަށް.. މި ފޯނު ވަރަށް ރިންގުވި" ފޯނު ޒިއަންގެ އަތަށް ދިނުމަށްފަހު އެކުއްޖާ ބުނެލިއެވެ.
"ސޮރީ އައިމް މެރިޑް" ހީލުމަށްފަހު ޒިއަން ބުނެލިއެވެ. އެޔާއި އެކީ އެކުއްޖާގެ މޫނު މަތި ބަނަވެގެން ދިޔައެވެ. ޒިއަން އަށް ބަލައިލުމަށްފަހު އެކުއްޖާ މަޑުވެސް ކޮށްނުލައި އެތަނުން ހިނގައްޖެއެވެ. ޒިއަން ކައިރިއަށް ހިނި އައެވެ. ޒިއަން ފޯނު ބަލައިލިއިރު ރާނީ ބާރަ ފަހަރު ގުޅާފައި އޮތެވެ. އަވަސްކޮށްލާފައި ޒިއަން ރާނީ އަށް ގުޅައިލިއެވެ. ޔަގީނުންވެސް މިހާރު ރާނީ ހުންނާނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.
"ސޮރީ ސޮރީ ސޮރީ ސޮރީ" ރާނީ ފޯނު ނަގައި އެއްޗެއް ބުނަންވާއިރަށް ޒިއަން އެއް ފައްޗަކަށް އަމުނައިލިއެވެ. ޒިއަންގެ އަޑު ޖެހުމުން ރާނީގެ ހިތައްވެސް ވަރަށް ހިތްހަމަޖެހުން ލިބުނެވެ.
"ބޭބީ އަށް އިނގޭތަ މިއަދު ދަތުރު ވަރަށް މަޖާ... މަސްބާނަން ވެސް ދިޔައިން" އެހިސާބުން ޒިއަން ކިޔައިދޭން ފެށީ އެރަށާއި މިއަދުގެ ދަތުރުގެ ވާހަކައެވެ. އެމީހުން ކުރި މަޖާ ކަންތައްތަކުގެ ވާހަކައެވެ. މާޒިން ކުރާ މަޖާ ކަންތަކުގެ ވާހަކައެވެ. ޒިއަންގެ ވާހަކަތައް އިވޭ ވަރަކަށް ރާނީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދިޔައީ އިތުރު ވަމުންނެވެ. ޒިއަން އަށް އިވިދާނެތީ ރާނީ އިނީ ބާރަށް ތުން ފިއްތައިގެންނެވެ.
"ދެން ބުނެބަ ހައު އިޒް މައި ކްއީން؟" ޒިއަންގެ ވާހަކަތައް ނިންމައިލުމަށްފަހު އަހައިލިއެވެ. ރާނީ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ހަމަ އޯކޭ... އެކަމް ވަރަށް ފޫހި" ރާނީ ވަރަށް ހަމަޖެހޭ ގޮތް ދައްކަމުން ބުނެލިއެވެ.
"އަޑު ހާދަ ތަފާތޭ.. ރޯގާ ޖެހުނީތަ؟" ޒިއަން ކުޑަކޮށް ކަންބޮޑުވިއެވެ. ނަމަވެސް ރާނީ ރޯގާ ޖެހުނީ ކަމަށް ބުނެ ހަމަޖައްސައިލިއެވެ.
"އެހެންވެއޭ ބުނަނީ ފިނިފެން އަބަދު ނުބޯށޭ... ރާނީ އަށް ދިރޭނީ ވެސް ގަނޑު ފެން" ޒިއަން ބުނެލިއެވެ. ރާނީ ނޭފަތް ދަމައިލިއެވެ.
"އައި މިސް ޔޫ" ވަރަށް ލޯބިން ޒިއަން ބުނެލިއެވެ.
"ޒިއަން" ރާނީ ގޮވައިލިއެވެ. ހިތުގައި އަނދަމުން ދާ އަލިފާންގަނޑު ނިއްވައިލަންވީ އޭ ރާނީގެ ހިތައް އެރިއެވެ.
"މިސް ޔޫ ޓޫ" ރާނީ ބުނެލިއެވެ. ފަހުން ގުޅާނެ ކަމަށް ބުނެފައި ޒިއަން ފޯނު ކަނޑައިލިއެވެ.
ޒިއަން ފޯނު ބޭއްވުމާއި އެކީ ރާނީ ދިޔައީ ބަޑި ފަޅައިގެންނެވެ. އަޑުން އަޑު ނަގައި ރޮވެން ފެށުނެވެ. ރާނީ ބުނަން ބޭނުންވި އެއްވެސް ވާހަކައެއް ނުބުނެވުނެވެ. ޒިއަން އެއުޅެނީ ވަރަށް މަޖާ ދަތުރެއްގައެވެ. ޒިއަންގެ އެ އުފާވެރިކަން ފިލައިގެން ގޮސްދާނެތީ ބުނަން ފަސްޖެހުނީއެވެ. ޒިއަން އެކަމާ ވިސްނަން ހަދައިގެން އެހެން މީހުންވެސް ދަތުރުގެ ފޯރި ގެއްލޭނީއެވެ. ހުރިހާ ވާހަކައެއް ކިޔައިދޭނީ ޒިއަން މާލެ އައުމުންނެވެ. މިހާރު ރާނީ އެ އިންތިޒާރު ކުރަނީ ޒިއަން އަންނާނެ ދުވަހަކަށެވެ. ދެން މާ ގިނަ ދުވަހެއް ނުވާނެކަން ރާނީ އަށް ޔަގީނެވެ.
ފަތިސް ނަމާދު ކޮށްލައިގެން ރާނީ ބޭރަށް ނިކުތީ މި ފިނި ވަގުތު ހޫނު ކޮފީއެއް ބޯލުމުގެ ބޭނުމުގައެވެ. ކޮފީ ހަދައިގެން ރާނީ ނިކުތީ ބަގީޗާ ތެރެއަށެވެ. ބަގީޗާ ތެރޭގައި ހުރި ކުޑަ މޭޒު ކައިރީގައި އިށީންދެގެން ރާނީ އިނީ ވިސްނުމަކަށް ގެއްލިފައެވެ. ކުއްލިއަކަށް ވަރަށް ބޮޑަށް ހީކަރުވަން ފަށައިފިއެވެ. ހަށަން ބަނދެލުމަށްފަހު ރާނީ ފަރާތް ފަރާތަށް ނަޒަރު ހިންގައިލިއެވެ. ރާނީ ދިޔައީ ސިއްސައިގެންނެވެ. ވަގުތުން ކޮޅަށް ތެދުވެ ކޮޅު ކޮޅު ބަލަން ފެށިއެވެ. ހީވެސް ފިލައިފިއެވެ. ގަސްތައް ކައިރިއަށް ގޮސް ފަހަރަކު ގަހަކަށް ބަލަމުން ދިޔައެވެ. ރާނީގެ ލޮލުން ކަރުނަ ހިލުނެވެ.
ބަގީޗާގައި އިންދާފައި ހުރި ހުރިހާ ގަހެއް ވަނީ ފަޅުވެފައެވެ. އެއްވެސް ގަހަކު އެންމެ މަލެއް ވެސް ނެތެވެ. ވަޔާއި އެކީ ހުރިހާ މަލެއް ނުފައިބާނެކަން ޔަގީނެވެ. ފޭބި ނަމަ ބިންމަތީގައި ފެންނަން ހުންނާނެއެވެ. މިއީ މަންހާގެ ކަމެކެވެ. ޔަގީނުންވެސް މިހުރީ ގަސްތަކުގައި ހުރި މާތައް ބިނދެފައެވެ. ރާނީ އަށް ރޮވެން ފެށުނެވެ. އެ މާމެލާމެއްޔަކީ މިވަގުތު އެގޭތެރޭގައި ވާ ރާނީގެ ހުރިހާ އުފަލެކެވެ. އެ އުފާ ވެސް މަންހާ ފޭރިގަނެފިއެވެ. ރާނީ އެންމެ ލޯބިން ގެންގުޅުނު އޯކިޑް ގަހުގައި ވެސް އެންމެ މަލެއްވެސް ނެތެވެ. ދެން ރާނީގެ ލޮލުގައި އަޅައިގަތީ މުލުން ލުހެލާފައިވާ ގަހެކެވެ. އެ ގަހަކީ ކޮން ގަހެއްކަން ރާނީ ހަނދާންވެއްޖެއެވެ. އެއީ ތަންކޮޅެއް ކުރީ ދުވަހަކު ޒިއަން ގެނެސްދިން ކަޅު ފިނިފެންމާ އަޅާ ގަހެކެވެ. އެގަސް އިންދީ ވެސް ޒިއަން އާއި ރާނީ އެވެ. އިއްޔެ އެގަހުގައި ފޮޅިފައި އިން ކަޅުކުލައިގެ ފިނިފެންމާ ރާނީ އުޅުނީ ޒިއަން އައުމުން ދޭން ބައިންދާށެވެ. ނަމަވެސް އެ ފިނިފެންމަލެއްވެސް ގަހަކު ނެތެވެ. ރާނީ އެގަސް ބިންމަތިން ނެގުމަށްފަހު ބަލައިލިއެވެ. ހުރިހާ މޫ ތަކެއްވެސް ހުރީ ބުރިކޮށްލާފައެވެ. ވީ ދެރައިން ގަސް ބިންމައްޗަށް ވައްޓައިލުމަށްފަހު ރާނީ ދުވެލާފައި ދިޔައީ ކޮޓަރިއަށެވެ.
ރާނީ އިނީ ހެނދުނުގެ ސައިބޯށެވެ. އޭރު ގަޑިން އެގާރަ ޖަހައިފިއެވެ. ފަތިހު ދިމާވި ކަންތަކާއި ދެރަވެގެން ރޯން އޮއްވައި ރާނީ އަށް ނިދުނީއެވެ. އެހެންކަމުން ހޭލެވުނީ ލަހުންނެވެ. ރާނީ އައި އިރު ޒާހިދާ ހުރީ ސައި ތައްޔާރުކޮށްފައެވެ.
"ރާނީ މަންހާ ނުތެދުވޭތަ؟" ޒާހިދާ އަހައިލިއެވެ. ރާނީ ކޮނޑު އަރުވައިލިއެވެ.
"މަންމާ ބަގީޗާ އަށް ހުރީ މީހަކު ވަދެފަ. އަޅުގަނޑު ފަތިހު ދިޔައިރު އެންމެ މަލެއްވެސް ގަސްތަކަކު ނެތް" ވަރަށް ހިތްވަރުކޮށްލާފައި ރާނީ ބުނެލިއެވެ. އެއީ ޒާހިދާގެ ބަގީޗާއެއް ކަމުން ވާނުވާ އަންގަން ޖެހޭނެއެވެ. ފަހުން އެނގިއްޖެ ނަމަ ރުޅި އަންނާނީވެސް ރާނީ ދެކެއެވެ.
"އަސްލުތަ؟ ހިނގާބަލަ" ރާނީ އެހެން ބުނުމުން ޒާހިދާ ދުއްވައިގަތެވެ. ރާނީ ވެސް ފަހަތުން ދިޔައެވެ.
"އަޅޭ ނޫން ކާކު ކުރިކަމެއް މީ؟" ޒާހިދާ ވެސް ދެރަވެގެން މުޅި ބަގީޗާގައި އެނބުރެން ފެށިއެވެ.
"ވަގެއް ވަނީ ކަންނޭންގެ މިގެއަށް... ވަރަށް އަންނާނެ ކުދިން މާ ހޯދަން އެކަމަކު މަންމަ ވަރަށް ނުދެން... އެހެންވެ ވަގަށް ނެގީ ކަންނޭންގެ" ޒާހިދާ އަށް ހީވާގޮތް ބުނެލިއެވެ. އިރުކޮޅަކު އެހެން ހެދި މީހަކަށް އެއްޗެއްހި ގޮވަން ހުރެފައި ޒާހިދާ ދިޔައީ ކޮޓަރިއަށެވެ. ރާނީ ދިޔައީ ބަދިގޭގައި ހުރި ތަށިތައް ދޮންނާށެވެ.
ތަށިތައް ދޮވެ ނިންމާފައި ކާކޮޓަރިން ނިކުންނަން ދިޔަ ރާނީ ލައިގަތީ މަންހާގެ ގައިގައެވެ. މަންހާގެ މޫނު ފެނުމުން ރާނީ ވަރަށް ފޫހިވިއެވެ. އިންތިހާޔަށް ރުޅި ވެސް އައެވެ. ރާނީ ފަސްއެނބުރި ދާން ހިނގައިގަންނަން އުޅުން ވަގުތު ލޮލުގައި އަޅައިގަތީ މަންހާގެ ކަންފަތް ދޮށަށް ޖަހާފައި އިން ކަޅު ފިނިފެންމަލެވެ. އެޔާއި އެކީ ރާނީގެ މުޅި މޫނު ބަނަވެގެން ދިޔައެވެ. މަންހާ އަށް އެ މަންޒަރު ވެނުމުން އެ މާ ކަންފަތް ދޮށުން ނެގުމަށްފަހު އަތުން ހަލާކުކޮށްލިއެވެ. އަދި ރާނީގެ ކުރިމައްޗަށް ފިޔަތަށް ވަރައިލިއެވެ.
"ޒިއަންގެ ދިރިއުޅުމުން އަހަރެން ކަލޭ ނެރެލާނީ ހަމަ މިހެން" މަންހާ ބުނެލިއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް