ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ މިރޭ ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅުގެ ރަށްތަކާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް ވައިޓް އެލާޓު ނެރެފައި އެވެ. އެލާޓު ނެރެފައިފަނީ މިރޭ 10:45 ން ފަތިހު 4:45 އަށެވެ.
މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ވައިޓް އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކަށް ތައްޔާރުވެ ތިބުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ އަސަރު ކަމަށެވެ. ހުޅަނގު މޫސުމުގެ އަސަރު ކުރަން ފަށަނީ މެއި މަހު ދެވަނަ ހަފްތާއިން ފެށިގެން ނެވެ. މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މުޅި ރެާއްޖެއަށް ދަނީ ވިއްސާރަ ކުރަމުންނެވެ.
ރާއްޖޭގެ މޫސުން ބެލުމަށް ރާއްޖޭގެ ފަސް ސަރަހައްދުގައި ގާއިމްކޮށްފައިވާ ސްޓޭޝަންތަކުން އެއްކޮށްފައިވާ މައުލޫމާތައް ބަލައި މެޓް އޮފީހުން ބުނީ މިއަހަރު ހުޅަނގު މޫސުމުގެ އަސަރު ރާއްޖެއަށް ކުރަން ފަށާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އެގޮތް ބަލަނީ ވައި ޖެހޭ ގޮތް ބަދަލުވާގޮތަށް ބަލައިގެން ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް