ރޯދަ މަހު އަގު އުފުލޭ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކާށްޓާއި ކުރުނބާ އަދި ގަބުޅި ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީ އާއި ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ) އިން ފަށައިފި އެވެ.
އަތޮޅު ތެރެއިން ގެނެސްގެން ވިއްކާ މި ތަކެތީގެ ތެރޭގައި 11900 ކާށްޓާއި، 564 ކުރުނބާ އަދި 1247 ގަބުޅި ހިމެނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރޯދަ މަސް ނިމެންދެން އެއް އަގެއްގައި އެ ތިން ބާވަތް އާންމުންނަށް ގަންނަން ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ ހަތަރު ނަމްބަރު ސައިޓުންނާއި މަސްމާރުކޭޓު ކުރިމަތިން އޮންނަ ލޯކަލް މާރުކޭޓު ގޮޅި ނަމްބަރު އޭ2 އަދި އޭ3 ން މި ބާވަތްތައް ލިބޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ތިން ބާވަތް ވިއްކުމަށް ހަމަޖެހިފައިވަނީ ކޮންޓްރޯލް އަގެއްގައި ކަމަށެވެ. އެގޮތުން ކާށްޓެއް ފަސް ރުފިޔާއަށް ވިއްކާއިރު ގަބުޅި އަދި ކުރުނބާއެއް ވިއްކާނީ 12 ރުފިޔާ އަށެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް މާލޭގެ ބާޒާރުގައި އެންމެ ބޮޑަށް އަގު އުފުލޭ ބާވަތްތަކުގެ ތެރޭގައި ކާށްޓާއި ކުރުނބާ ހިމެނެއެވެ. އެގޮތުން ފާއިތުވި އަހަރުގެ ރޯދަ މަހު ކާށްޓެއްގެ އަގު 50 ރުފިޔާއަށް ވެސް އެރިއެވެ. އަދި ކުރުނބާއެއްގެ އަގު 40 ރުފިޔާއަށްވެސް އެރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް