މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އެއްފަހަރާ ގިނަ މުވައްޒަފުންތަކެއް ވަކި ކުރަން ނިންމާފައިވާކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވި ވާހަކަ އެ ކުންފުނިން ދޮގުކޮށްފި އެވެ.
އަމީތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ 75 މުވައްޒަފަކު ވަޒީފާއިން ކަނޑާލަން ނިންމައި ނޯޓިސް ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތީ ރޯދަ މަސް ކަމަށާއި މިއީ މުވައްޒަފުންނާއި ދޭތެރޭ ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މީޑިއާގައި ވިދާޅުވީ އެ ކުންފުނިން މި ދަނޑިވަޅުގައި މުވައްޒަފުންތަކެއް ވަކި ނުކުރާނެ ކަމަށެވެ. އެއީ އެއާޕޯޓު ޑިވެލޮޕްމެންޓާއި ގުޅުން ހުރި ގިނަ ޕްރޮޖެކްޓުތަކެއް ކުރިޔަށް ދަނިކޮށް މުވައްޒަފުން ވަކި ކުރުމުން ކުންފުންޏަށްވެސް އުނދަގޫވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ މުވައްޒަފުންތަކެއް ކަނޑާލާނީ އޮފީހަށް ހާޒިރު ނުވެ. ކުންފުނީގެ ޕޮލިސީއާއި ހިލާފުވެ ނުވަތަ އޮފީހަށް ހާޒިރުވެ މަސައްކަތް ނުކުރާ ނަމަ ކަމަށެވެ.
އެމްއޭސީއެލްގެ ބައެއް މުވައްޒަފުން ވަނީ އެ ކުންފުނިން ބައެއް މުވައްޒަފުންނަށް ކަނޑާލަން ނޯޓިސް ދިން ކަމަށް ބުނެފަ އެވެ. އެގޮތުން ރޯދަ މަސް ނިންމާފަ ކަނޑާލަން ބައެއް މީހުންނަށް ނޯޓިސް ދީފައިވާ ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް