ރާއްޖޭގައި "ރައްކާތެރި ފަތުރުވެރިކަން" ފެށުމަށް ދިރާސާތަކެއް ކުރަނީ

ރާއްޖޭގައި "ރައްކާތެރި ފަތުރުވެރިކަން" ފެށުމަށް ދިރާސާތަކެއް ކުރަމުން އަންނަކަން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަލީ މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމާބެހޭ އދގެ މަ...

16 Apr 2020 | 17:34

ރާއްޖޭގައި "ރައްކާތެރި ފަތުރުވެރިކަން" ފެށުމަށް ދިރާސާތަކެއް ކުރަމުން އަންނަކަން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމާބެހޭ އދގެ މައި ޖަމިއްޔާ UNWTO އިން އެކުލަވާލާފައިވާ ގްލޯބަލް ޓޫރިޒަމް ކްރައިސިސްގެ ކޮމިޓީގެ ތިން ވަނަ ބައްދަވުމުގައި ސައުތު އޭސިޔާ އަދި ދިވެހި ރާއްޖެ ތަމްސީލުކޮށް މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރު އަލީ ވިދާޅުވީ މިވަގުތަށް އެންމެ މުހިންމީ ދުނިޔޭގައި ފެތުރެމުންމިދާ ކޯވިޑް-19 ފެތުރުން ހުއްޓުވުމެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވިގެން ނޫނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ނުފެށޭނެކަން ފާހަގަކުރައްވައި މިނިސްޓަރު އަލީ ވިދާޅުވީ  އެދުވަހަށް ތައްޔާރުވުމަށްޓަކައި މިހާރުއްސުރެ "ރައްކާތެރި ފަތުރުވެރިކަން" ފެށުމަށް ކުރަންޖެހޭ އެންމެހައި ދިރާސާތައް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މި ދިރާސާ ކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭ ގައިޑްލައިނެއް އެ ޖަމިއްޔާގެ އެހީތެރިކަމާއެކު ތައްޔާރު ކުރުމުގެ މުހިންމުކަމުގ މައްޗަށް އަލީ އަލިއަޅުވާލެއްވިއެވެ.

"ސަރުކާރުގެ އެންމެ އިސް އަދި އެންމެ މުހިންމު ވާޖިބަކީ ރާއްޖޭގެ އެންމެހައި ރައްޔިތުންގެ ސިއްހަތާއި، ސަލާމަތާއި، ރައްކާތެރިކަން ކަށަވަރުކުރުން" މިނިސްޓަރު އަލީ މިއަދު ފާހަގަކުރެއްވިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވާގޮތުގައި މިއަދުގެ ބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން، އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް، ކްރޫޒްލައިންސް އިންޓަނޭޝަނަލް އެސޯސިއޭޝަން އަދި ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް