ފައިނު އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމައިފި

ރ. ފައިނުގައި އެއާޕޯޓް އެޅުމުގެ ޕްރޮޖެކްޓް ކުރިއަށް ނުގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ. މި ޕްރޮޖެކްޓް ކުރިއަށް ނުގެންދިއުމަށް ނިންމީ ރ. ފައިނުގައި އެއާޕޯޓް އަޅައިފިނަމަ ތިމާވެއްޓަށް ބޮޑެތި ގެއްލ...

16 Apr 2019 | 11:18

ރ. ފައިނުގައި އެއާޕޯޓް އެޅުމުގެ ޕްރޮޖެކްޓް ކުރިއަށް ނުގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ޕްރޮޖެކްޓް ކުރިއަށް ނުގެންދިއުމަށް ނިންމީ ރ. ފައިނުގައި އެއާޕޯޓް އަޅައިފިނަމަ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެތީއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާފައި ވާއިރު، އޭގައި ބުނެފައިވަނީ އެއާޕޯޓް އެޅުމަށް 5792 ރުއްގަސް ކަނޑަންޖެހޭކަމަށެވެ. އަދި އެރަށުގައި ގަސް ހެދިފައި ހުރި ސަރަހައްދުން 38 އިންސައްތަ ގަސް ކަނޑަން ޖެހޭނެ ކަމަށާއި، މީގެ ސަބަބުން އެ ސަރަހައްދުގެ ވެއްޔާ ފެންފަށަލަ އަދި ރަށުގެ ފިނި ހޫން މިނަށް ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެ

މީގެއިތުރުން، އެ ރިޕޯޓުގައި ބުނެފައި ވަނީ ބިން ހިއްކުމުގެ ސަބަބުން މޫދާއި ފަރުތަކަށް ގެއްލުން ވާނެ ކަމަށާއި، އަދި އެންމެ ބޮޑަށް ގެއްލުން ލިބޭނީ ރުއްގަސް ކެނޑުމުން ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދާ ސަރަހައްދުގައި، ބޮޑެތި ގަސްތައް އެބަހުރި ކަމަށާއި އޭގެ ތެރޭގައި އެތައް ސަތޭކަ އަހަރެއް ވަންދެން ދިރި ހުންނާނެ ކަމަށް ބެލެވޭ ގަސްތައްވެސް އެބަހުރި ކަމަށާއި، މީގެ ތެރެއިން ބައެއް ގަސްތަކަކީ އެއާޕޯޓުގެ މަސައްކަތަށް ނަގަން ޖެހޭ ގަސްތައް ކަމަށް ވެސް ރިޕޯޓް ގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ފައިނުގައި އެއާޕޯޓް އެޅުމަށް ކުރީގެ ސަރުކާރުން މޯލްޑިވިއަންގެ މައި ކުންފުނި އައިލެންޑް އޭވިއޭޝަންއާ އެކު ސޮއި ކުރީ މިދިޔަ އަހަރުގެ މެއި މަހުއެވެ.  ތިން ފޭސް އަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައި ވީ ނަމަވެސް މިހާތަނަށް އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެއެވެ.

1320 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭ އަކާއި އެކު ތަރައްގީ ކުރާ މި އެއާޕޯޓް ޕްރޮޖެކްޓަށް އަށް މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށް ވެސް ކުރިން ވަނީ ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް