ހުއްޓުމަކަށް އައިސްފައިވާ ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ސަރުކާރުން، އެހެން ބަޔަކާ ހަވާލު ކުރުމަށްފަހު އަލުން ފަށައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް މިއަދު ވިދާޅުވީ، ކުރިން މަސައްކަތް ކުރަމުން ދިޔަ ކުންފުނީގެ މަސައްކަތް ލަސް ވުމުގެ ސަބަބުން އެހެން ބަޔަކާ މަސައްކަތް ހަވާލު ކޮއްފައިވާކަމަށާއި، ޓާރމިނަލް ގެ އަމަލީ މަސައްކަތް މި ހަފުތާ ތެރޭގައި އަލުން ފަށާނެ ކަމަށެވެ.
ކުރީގެ ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ހުރި ގޮތުން، އަލުން ފަށައިގަންނަން ދަތިތަކެއް ހުރި ކަމަށާއި، މިހާރު ކުރިއަށް ދަނީ އެ ތަނަށް ދިމާވެފައި ހުރި ދަތިތަކާއި މަޝްރޫއު ކުރިއަށް ގެންގޮސްފައިވާ ގޮތް އާ ކުންފުންޏާ އެކު ދެނެގަތުމުގެ މަސައްކަތް ކަމަށް އާދިލް ވިދާޅުވި އެވެ.
މީގެއިތުރުން، މި މަސައްކަތް ފަށައިނުގަނެ ގިނަ ދުވަސްވުމުން، އެއާޕޯޓް މަޝްރޫއު ކުރިއަށް ނުގެންދާނެ ކަމަށް ބައެއް މީހުންނަށް ހީވާ ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކޮއްފައެވެ. ނަމަވެސް އެއީ ތެދެއް ނޫން ކަމަށާއި، އެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަމަން އޭނާ ވިދާޅުވިއެވެ.
އަދި އެއާޕޯޓް ގެ އަމަލީ މަސައްކަތް ނިމުނު ނަމަވެސް، ނިންމަން ޖެހޭ އިތުރު ކަންތައްތައް ހުރި ކަމަށާއި، އެއާޕޯޓް ރަންވޭ އަޅާފައިވަނީ އެ ސަރަހައްދުގައި ހުރި އާއްމު ގެތަކެއް ނަގައިގެން ކަމުން އެ ގެތަކަށް ބަދަލުދީ އަދި ނުނިމޭ ކަމަށް ވެސް އާދިލް ވަނީ ބުނެފައެވެ.
އެހެންކަމުން، އެއާޕޯޓު އަލުން ހުޅުވައި ހިދުމަތް ދޭން ފެށޭނީ ކޯޓުގައި އޮތް މައްސަލަވަކި ގޮތަކަށް ނިމުމުން ކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ފާހަގަކުރި އެވެ.
ކުރީގެ ސަރުކާރުގައި އަޅަން ފަށާފައިވާ އެއާޕޯޓް ގެ މަސައްކަތް މިހާތަނަށް ނިމިފައިވަނީ ރަންވޭގެ މަސައްކަތް އެކަންޏެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން މި އެއާޕޯޓް ހުޅުވައިދެއްވާފައިވީ ނަމަވެސް، މި އެއާޕޯޓްގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް ގިނަ ދުވަސްވެފައި ވުމުން އެ ރަށު މީހުން އެތަން ބޭނުން ކުރަމުން އަންނަނީ ކަސްރަތުކުރާ ޓްރެކެއްގެ ގޮތުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް