ބަރަކާތްތެރި ރަމަޟާން މަސް ފެށެން މިއަދަށް 19 ދުވަހަށް ވެފައިވާއިރު ރޯދަމަހާއި ދިމާކޮށް އަރަބި ގައުމުތަކުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ގޭގޭގައި ގެންގުޅޭ ނޯކަރުން ފިލާ މައްސަލައެވެ.
އަރަބި ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ޝައުބާން މަސް ފެށުމާއެކު ނޯކަރުން ފިލަން ފަށައެވެ. އަދި ނޯކަރުން ފިލުވުމުގައި އެކަމަށް ހާއްސަ ބައެއް ގޭންގުތައްވެސް މިހާރު އުފެދިފައިވެއެވެ. ނޯކަރުން ފިލުވުމުގައި އެ ގޭންގުތަކުން ހަރަކާތްތެރިވަނީ ނޯކަރުން އަތުން ފައިސާ ނަގައިގެންނެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި ނޯކަރުން ފިލުމުގެ އެންމެ ބޮޑު އެއް މައްސަލައަކަށް ވެފައި އޮންނަނީ ރޯދަ މަހު މާ ގިނައިން މަސައްކަތް ކުރަން ޖެހުމާއި މާ ގިނައިން ކައްކަން ޖެހުމެވެ. ބޮޑެތި ބިޔަ ޖާފަތް ތައްޔާރުކުރުމަކީ އެ ނޯކަރުންނަށް ފަސޭހަކަމަކަށް ނުވާކަމަށް ބައެއް ނޯކަރުންނާ ހަވާލާދީ ބުނެފައިވެއެވެ.
މީގެ އިތުރުން ރޯދަ މަހަށް މުސާރަ ބޮޑު ނުކުރުންވެސް ބޮޑު މައްސަލައަކަށް ވެފައި އޮންނަކަމުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި ފިލައިގެން ދާ ނޯކަރުންނަށް މުސާރަ ބޮޑު އަދި ހައްޓަށް ލުއި ވަޒީފާތައް ހޯދުމުގައި އަދި ރޯދަ މަހު ފިލައިގެން ގޮސް ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އައުމުން އަލުން ވަޒީފާ ހޯދައިދިނުމުގައިވެސް ގޭންގްތަކުން އިސް ދައުރެއް އަދާކުރާކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް