ކުރީގެ އަދަދާ ގުޅޭ....
ގެއަށް ވަތްގޮތަށް ޒިއަން ތަޅަންފެށީ ޒައިނާގެ ކޮޓަރީގެ ދޮރުގައެވެ. ޒާހިދާ ބަދިގޭގައި ހުރެފައި އައީ ޒިއަން މާ ބާރަކަށް ދޮރުގައި ތަޅާތީއެވެ.
"ކިހިނެއްވީ؟ ކަމެއްވީތަ؟" ކައްކަން ގެންގުޅުނު ދޭފަތް އަތައްލައިގެން ހުރެ ޒާހިދާ އަހައިލިއެވެ. ޒިއަން މަންމަގެ މޫނަށް ބަލައިލުމަށްފަހު މާ ބޮޑު ކަމެއް ނުވެޔޭ ބުންޏެވެ. ނަމަވެސް ކަމެއް ވެއްޖެކަން ދަރިފުޅުގެ މޫނުން އެބަ ފެނެއެވެ. ޒާހިދާ އިރުކޮޅަކު ބަލަން ހުރެފައި ބަދިގެއަށް ހިނގައްޖެއެވެ. އިރުކޮޅަކުން ޒައިނާ ދޮރު ހުޅުވިއެވެ.
"ކިހިނެއްތަ ވީ؟ ފާހާނާގައޭ އުޅުނީ" ޒައިނާ މިހެން ބުނަންވާއިރަށް ކޮޓަރިއަށް ވަދެ ޒިއަން ދޮރު ޖަހައިފިއެވެ. ހައިރާންވިވަރުން ވީ ކީއްތޯ ޒައިނާ އަށް އަހައިލެވުނެވެ. ޒިއަން ހަމަ ބޮލަށް ދެ އަތް ނަގައިގެން ދެކޮޅުން ދެކޮޅަށް ހިނގަނީއެވެ. ޒައިނާ ހަމަ ހުއްޓާނުލައި ޒިއަން ކައިރީގައި ވީގޮތް އަހަމުން ދިޔައެވެ.
"ބޯ ފަޅައިގެން ދާހެން ހީވަނީ... ބައްޕަ ގުޅާފަ ބުނީ މާދަން ފޯމު ލާށޯ ކައިވެނީގެ... ރާނީ ކައިރީވެސް ބުނެވެއްޖެ މާދަން ފޯމު ލާނަމޭ... އަނެއްކާ މަންހާ ހީވަނީ އެހެންފަދަ ކަމެއްހެން... މި ހުރިހާ ކަމެއް މުޅި ދުނިޔެއިންވެސް މަށަށްތަ ދިމާވާން އިނގުނީ..." ޒައިނާގެ ކުރިމަތީގައި ހުއްޓެމުން ޒިއަން ވާހަކަ ދެއްކީ ތަންކޮޅެއް ބާރަށެވެ. ޒައިނާ އަދިވެސް ހުރީ ހައިރާންވެފައެވެ.
"ރިލޭކްސް" ފުން ނޭވާއެއް ދޫކޮށްލަމުން ޒައިނާ ބުނެލިއެވެ.
"މާދަން ލާނީ ރާނީ އާ އިންނަ ފޯމު" އަނެއްކާވެސް ޒައިނާ ބުނެލިއެވެ.
"ދެން މަންހާ؟" ސުވާލުގެ ނަޒަރަކުން ޒިއަން ބުނެލިއެވެ.
"ފުރަތަމަ ރާނީގެ ކަންތައް ނިންމާލާނީ... އެހެން އެކަނި ކޮޓަރިއަކު ބޭންދުންވެސް އެއީ ރަގަޅު ކަމެއް ނޫން... ދެން އިނދެގެން ގެޔަށް ގެނެސްފަ މަންހާ އެކަން ގަބޫލު ކުރަންޏާ ދެއަންބަށް އިނދެ" ޒައިނާ ވިސްނާގޮތް ޒިއަންއަށް ކިޔައިދިނެވެ.
"ވަޓް ޔޫ މީން ރާނީ މިގެއަށް ގެންނާނީއޭ؟ ބޮޑު ފެމިލީ އިޝޫ އަކަށް ވާނީ" ޒިއަން ބުނެލިއެވެ. އަދި އެނދުމަތީގައި އިށީނެވެ.
"ވެލް މިހުރިހާ ކަމެއް ވާނެކަން އިނގޭ ދޯ ކުރިންވެސް..." ޒައިނާ ވެސް ޒިއަން ކައިރީގައި އިށީނެވެ.
"ކުރިއަކުން ނޭންގެ މަންހާގެ ބައްޕަ މެރީ ކުރަން ޑިމާންޑް ކުރާނެ ކަމެއް... އެހެން ނޫނަސް ބައްޕަވެސް ހީވަނީ މޮޔައެއް ވެގެން އުޅޭހެން... ބައްޔެއް މީ" ޒިއަން ކައިރިއަށް މިހާރު އެވަނީ ރުޅި އައިސްފައެވެ.
"މެރީ ޔުއަރ ކްއީން... އެންޑް ބްރިންގް ހާ ހޯމް.. އޭރަށް ލެޓްސް ސީ ވާ ގޮތެއް" ޒިއަންގެ ބުރަކަށީގައި ފިރުމައިލަމުން ޒައިނާ ބުނެލިއެވެ. ޒިއަން ހަމަ އެ އިންގޮތަށް އިނީއެވެ.
އޭގެ އަނެއް ދުވަހު ޒިއަން ކައިވެނީގެ ފޯމު ލިއެވެ. ރާނީ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. މާޒިން އާއި ޒައިނާވެސް ހުރީ ހިތްހަމަޖެހިފައެވެ. ނަމަވެސް އީމާން ހުންނަނީ ވިސްނުމަކަށް ގެއްލިފައެވެ. މި ވަމުން އަންނަ އެއްވެސް ކަމަކާ އޭނާގެ ހިތެއް ނުރުހެއެވެ. އެ ހިތް ވަނީ ޝަކުވާ އިން ފޯވެފައެވެ. ޒިއަން މަންހާ އަށް ބޮޑު ދެރައެއް ދޭން އުޅޭކަން އިނގުން ހިނދުންފެށިގެން ނޭންގޭ ނުތަނަވަސްކަމެއް ހިތުތެރޭގައި ވަނީ އުފެދިފައެވެ. ޒިއަން އަކަށް ހުރިހާ މޮޅެއް ނުލިބޭނެއެވެ. ރާނީ އާ ޒިއަން ކައިވެނި ކުރާނަމަ ޒިއަންއަށް ޖެހޭނީ މަންހާ ދޫކޮށްލާށެވެ. މަންހާ ކޮންމެ ގޮތަކަށް އުޅުނެއްކަމަކު އީމާން މަންހާ ދެކެ ވަރަށް ލޯބިވެއެވެ. އަބަދު ހިތުގައި މަލަން އަޅައިގެންނެއް ނޫޅެވޭނެއެވެ.
ޝާހިދު ކައިވެނީގެ ސުވާލުކުރުމުން ޒިއަން ބައްޕަ އަށް ދޮގު ހެދިއެވެ. ވަރަށް ބޮޑު އެސައިންމެންޓެއްގެ ސަބަބުން އެކަމާ ނޫޅެވިގެން އުޅޭ ކަމަށް ބުންޏެވެ. ނަމަވެސް ބައްޕަ ދެން ބުނި އެއްޗަކުން ޒިއަންގެ ނޭވާ ނުހުއްޓުނީ ކިރިޔާއެވެ. މަންހާގެ މަންމަ ވަރަށް ބޮޑަށް ބަލިވެގެން އެމީހުން މިރޭ އިންޑިއާ އަށް ދާން ފުރަނީއެވެ. މަންހާ ޒިއަންމެން ގޭގައި ބަހައްޓާ ވާހަކަ ބުނުމުން ޒިއަންގެ މޭ ކަރައިގަތެވެ. އަދި މަންހާގެ ބައްޕަ ފަށްފަށުން ކައިވެނި އަވަސްކުރުމަށް އެދުނު ކަމަށްވެސް ޝާހިދު ބުންޏެވެ. ޒިއަން ހުރީ ހަތަރު އުދަރެސް ފެނުޖެހިފައެވެ. ކޮލެޖްގެ ކަންކަން ނިމުނުހާ އަވަހަކަށް ކައިވެނި ކުރާނެ ކަމަށް ބުނެފައި ޒިއަން ފޯނު ބޭއްވީއެވެ.
ކޮންމެ ގޮތެއްވިޔަސް ހެވެވެ. ޒިއަންގެ މީހަކަށް ވާނީ ހަމައެކަނި ރާނީއެވެ. ޒިއަން އަށް އިނގޭހާވެސް އެއްޗަހީ އެ ހިތެއް ދެން އިތުރު މީހަކަށް ނުދެވޭނެކަމެވެ. ރާނީ އާ ދިމާވިތާ މާ ގިނަ ދުވަސްތަކެއް ނުވި ނަމަވެސް، އެ ހިތް އެކީ ރާނީ އަށް ހިބަކޮށްދެވިއްޖެއެވެ. އެންމެ ފުރަތަމަ އެ އަޑު އިވުން ރެއިން ފެށިގެން މިހާ ހިސާބަށް އައި އިރު ދުރު ނުވެވޭ ވަރަށް ރާނީ އާއި ކައިރިވެވިއްޖެއެވެ. އެއީ މި ދުނިޔެ މަތިން ޒިއަން އަށް ފެނުން އެންމެ ރީތި ކުއްޖާއެވެ. ހަމުގެ ކުލައިން ހީވަނީ ބޭރު ކުއްޖެއް ހެންނެވެ. އެ އަޅި ކުލައިގެ ދެލޮލުން އޭނާ އަށްޓަކައި ފެންނަ ލޯތްބަކީ ޒިއަންގެ ހިތުގެ ފިނިކަމެވެ. އެ ބުރުސޫރަ ރިވެތި މޫނަކީ ޒިއަންގެ ހިތުގައި މިހާރު ބިންވަޅު ނެގިފައިވާ ސޫރައެކެވެ. އެ ސޫރައެއް ދެން އެ ހިތަކުން ފިލައިގެންނެއް ނުދާނެއެވެ.
****
މިއަދަކީ ޒިއަން އާއި ރާނީގެ ކައިވެނި ކުރެވޭ ދުވަހެވެ. ކައިވެނި އޮތީ ކޯޓުގައި ކަމުން ޒިއަން އާއި ރާނީ ތައްޔާރުވަމުން ދިޔައީ ކޯޓަށް ދިއުމަށެވެ. ރާނީ ތައްޔާރުކޮށްދެން އުޅުނީ ޒައިނާއެވެ. ޒިއަން ތައްޔާރުވީ ގޭގައެވެ. ހެކިވެރިންނަކީ މާޒިން އާއި އީމާންއެވެ.
"ހާދަ ރީއްޗޭ... ކޮންތާކަށް؟" ޒިއަން ކޮޓަރިން ނިކުތުމުން މަންހާ އަހައިލިއެވެ. މަންހާ އެގޭގައި އުޅޭތާ މިވީ ހަފްތާއެކެވެ. ޒިއަން އެއްވެސް އެއްޗެއް ނުބުނެ އެގެއިން ނިކުމެގެން ދިޔައީއެވެ.
ރާނީ އާއި ޒައިނާ ކޯޓަށް ދިޔައީ ޒައިނާގެ ކާރުގައެވެ. ޒައިނާ އާދޭސް ކުރުމުންވެސް އިސްތަށިގަނޑަށް ގޮތެއް ހަދާކަށް ރާނީ އެއްބަހެއް ނުވިއެވެ. އެ މޫނު ފެންނާނެހެން ފުނާ އަޅާކަށް ރާނީ ބޭނުމެއް ނުވިއެވެ. އެހެންކަމުން ޒައިނާ ޖެހުނީ ހަތިޔާރު ބަހައްޓާފައި ރާނީ ހިތްހަމަޖެހޭ ގޮތަށް އިސްތަށިގަނޑު އެހެންޏާވެސް ހުންނަގޮތަށް ބަހައްޓާށެވެ. މޫނުގެ އެއްފަޅި ފޮރުވިފައިވާ އިރު، ފެންނަން ހުރި ފަޅީގައި ޒައިނާ ވަނީ ފަނޑު މޭކަޕެއް ކޮށްދީފައެވެ. އެހެންކަމުން މިއަދު އެ ރީތިކަން ދެގުނައެވެ. ޔަގީނުންވެސް ޒިއަން މިއަދު މޮޔަވާނެއެވެ. އެ ކަޅުކުލައިގެ މެކްސީ ހެދުމުގައި ރާނީ އިންއިރު އެ ހަށިގަނޑުގެ ބައްޓަން ރީއްޗަށް އިނގެއެވެ. މިއަދު ރާނީ ފެންނަ ކޮންމެ މީހަކުވެސް މޮޔަވާނެކަން ޔަގީނެވެ.
ވީވެސް ހަމަ އެހެންނެވެ. ރާނީ ފެނުމުން ޒިއަން ހުރީ ހުއްޓިފައެވެ. މާޒިން އާއި އީމާންވެސް ތިބީ ބަލަހައްޓައިގެނެވެ.
"ހެލޯ އީވަލް ކްއީން" ރާނީ އެމީހުންނާ އަރާ ހަމަވުމުން މާޒިން ބުނެލިއެވެ. ރާނީ ހީލިއެވެ.
"ޒިއަން!" ޒައިނާ ޒިއަންގެ ބޮލުގައި ޖަހައިލިއެވެ. ޒިއަންއަށް ވެފައިވާ ގޮތުން އެންމެން ކައިރިޔަށް ހިނިއައެވެ. ޒިއަން ރާނީގެ އަތުގައި ހިފައިލިއެވެ.
"ޔޫ ލުކް ސޯ ޑިފަރެންޓް އެންޑް ސޯ ބިއުޓިފުލް މައި ކްއީން" ހިނގައިގަންނަމުން ރާނީގެ ކަންފަތްބުޑުގައި ޒިއަން ބުނެލިއެވެ. ރާނީ ލަދުން އިސްޖަހައިލިއެވެ.
ކައިވެނި ކުރެވިއްޖެއެވެ. ޒިއަން އަނބި ގަބޫލު ކޮށްފީމޭ ބުނި ވަގުތު ރާނީގެ ނޭވާ ނުހުއްޓުނީ ކިރިޔާއެވެ. މި ދުނިޔޭގައި އޭނާއަށް އެންމެ ލޯބި ދިން މީހާ އޭނާގެ މީހަކަށް ވުމުން ރާނީ އިނީ ލޮލުން ކަރުނަ އައިސްފައެވެ. އުފަލުންނެވެ. މި ދުނިޔޭގައި އަލަށް މީހަކު އޭނާ އަކީ ރީތި މީހެއްކަން އިހުސާސްކޮށްދިނެވެ. އެމީހަކީ މިއަދު އޭނާގެ ފިރިމީހާއެވެ. އެ ހިތުގައި ޒިއަން އަށްޓަކައި ވާ ދަރަޖަ އަކީ މީހަކަށް އެހިތުން ދެވޭނެ އެންމެ މަތީ ދަރަޖައެވެ. މުޅި އުމުރު ދުވަހު ބޮޑުވީ މީހުންގެ މަލާމާތާ ފުރައްސާރަ ލިބިލިބިއެވެ. ލޯބިވެތި ބަހެއް ދުވަހަކުވެސް ޒިއަންގެ ދުލުން ނޫނީ ނީވެއެވެ. އެހެންކަމުން އެ ގުޅުން ދަމަހައްޓަން ރާނީ އަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެއެވެ. މިއަދު އޭނާއަކީ މި ދުނިޔެ މަތީގައި ހުރި އެންމެ އުފާވެރި މީހާއެވެ. ރާނީ އަށް މިހުރިހާ ކަމެއް ވިސްނާލެވުންއިރު ހަމަ ރީއްޗަށް ރޮވިއްޖެއެވެ.
"ޝްޝްޝް އައި ނޯ ވަރަށް އުފާވެފަކަން ތިހުރީ އެކަމް ނުރޮއްޗޭ ޕްލީޒް" ވަރަށް ސިއްރުން ޒިއަން ބުނެލިއެވެ. ރާނީ ވަރަށް ސިއްރުން ކަރުނަތައް ފުހެލިއެވެ. ނަމަވެސް އެ މަންޒަރު ޒައިނާގެ އިތުރުން އީމާން އަށް ވެސް ފެނުނެވެ. މާޒިން އުޅުނީ ފޮޓޯ ނެގޭތޯއެވެ. ކައިވެނިކޮށްގެން ނިކުމެ ފުރަތަމަ އެންމެން ފޮޓޯ ނެގީއެވެ.
"އޯކޭތަ ސްނެޕެއް ކޮށްލިޔަސް... މީހަކަށް ނޭންގޭނެ ވީ ކީއްކަމެއް" މާޒިން ބުނެލިއެވެ. އަދި އެންމެންގެ ސެލްފީ އެއް ނެގުމަށްފަހު ސްނެޕް ކޮށްލިއެވެ.
"މަންހާ ވަރަށް މޭ ކަރާނެ ބަލައްޗޭ" މާޒިން އަނެއްކާވެސް ބުނެލިއެވެ. އެހެން ބުނުމުން ހައިރާންވީ ރާނީ އެކަންޏެވެ.
"މަންހާ ވަރަށް ބޭނުންވާނެ އަހަރެމެންނާ ގުޅެން އެހެންވެ" ވާހަކަ ފޫބައްދައިލުމުގެ ގޮތުން ޒިއަން ބުނެލިއެވެ.
"ހިނގާ ފުރަތަމަ ލަންޗަށް ދޯ... ސުހާގު ރާތު އޮންނާނީ މިރެއެއްނު އަދި" ޖެއްސުން ކޮށްލުމުގެ ގޮތުން ޒައިނާ ބުނެލިއެވެ. ޒައިނާގެ އެދުމުގެ މަތިން އެންމެން ފުރަތަމަ ދިޔައީ ހޮޓެލް ޖެން އަށް މެންދުރުގެ ކެއުމަށް އިންސާފު ކުރާށެވެ.
"މަ ބުނީމެއްނު... މިއޮށް އަހަނީ މީ ކޮން ކަމެއް ހޯ" މަންހާގެ މެސެޖު ދައްކައިލަމުން މާޒިން ބުނެލިއެވެ.
"ކީކޭ ތި ބުނީ ދެން" އީމާން އަހައިލިއެވެ.
"މި ބުނީ ނުޖެހެއޭ ބުނާކަށް... ވަރަށް ރުޅި އަންނާނެ" މާޒިން ހިނިގަނޑެއް ޖަހައިލިއެވެ.
ޒިއަން އުޅުނީ ރާނީއަށް އުލާ ސަމްސަލުން ކާން ދަސްކޮށްދޭށެވެ. މިފަދަ ތަނަކަށް ރާނީ އެއައީ އަލަށެވެ. އެހެންކަމުން ތަނުގެ މާހައުލުން ރާނީ އިނީ ހާސްވާގޮތްވެފައެވެ. މި ހުރިހާ ކަމަކީ ރާނީއަށް މުޅިން އާ ކަންކަމެވެ. މިތަނުގެ ކާއެއްޗެހި ވަރަށް މީރެވެ. ނަމަވެސް އެންމެން ކާހެން ޝާހީކޮށް އަދި ސްޓައިލްގަ ކާކަށް އޭނާއަކަށް ނޭންގެއެވެ. އެހެންކަމުން ރާނީ އިނީ ލަދުގަންނަ ގޮތް ވެފައެވެ.
"އަދި ދަސްވާނެ އިޓްސް އޯކޭ" ރާނީ ލަދުން އިންހެން ހީވުމުން ޒައިނާ ބުނެލިއެވެ. އެކަން ރާނީ އަށް އިހުސާސްވެދާނެތީ އެމީހުން ދެން ފެށީ އެހެން ވާހަކައެކެވެ.
"މިރޭ ފޯރި ހުންނާނެ ދޯ ޒިއަން" ޒިއަން އާއި ދިމާކޮށްލުމުގެ ގޮތުން މާޒިން ބުނެލިއެވެ. އެއާއި އެކީ އެންމެން އެއް އަޑަކުން ހޭން ފެށިއެވެ.
އެދުވަހުގެ ބާކީ ބައިގައި ރާނީ ގޮވައިގެން އުޅުނީ ޒައިނާއެވެ. ޒިއަން އާއި ރާނީ އެކަނިވިއަކަ ނުދިނެވެ. ޒިއަން މިހުރިހާއިރު ކޮޓަރީގައި މަޑުކޮށްގެން އިނީ ރާނީ އަންނާނެ އިރަކަށެވެ. ރާނީގެ ފޯނުވެސް ވަނީ ނިއްވާލައިފައެވެ. އެއީ ޒައިނާގެ ކަމެއްކަން ޒިއަން އަށް ހަމަ ރަގަޅަށް އިނގެއެވެ.
ދެން ދަމާ ގެއަށް ޒިއަން އިންނާނީ އިންތިޒާރުގަ" ކާރު ދުއްވަން އިނދެ ޒައިނާ ބުނެލިއެވެ. އޭރު ގަޑިން ބާރަ ޖަހައިފިއެވެ.
"ތި ގެއަށް ތަ؟" ރާނީ އަހައިލިއެވެ. މިހާރު ރާނީ އެންމެ ބޭނުންވަނީ ޒިއަންގެ ގެއަށް ދިއުމަށެވެ. ޒިއަންގެ އާއިލާގައި ދެންތިބި މީހުންނާ ބައްދަލު ކޮށްލުމަށެވެ. އިންތިޒާރަށް ނިމުން އައީ ހެއްޔެވެ.
"ނޫން ރާނީގެ ރޫމް އަށް... ގެއަށް އަދި ދެވޭނީ މި ކައިވެނީގެ ވާހަކަ އެންމެން ކައިރީގަ ބުނެފަ" ރާނީގެ މޫނަށް ބަލައިލުމަށްފަހު ޒައިނާ ބުނެލިއެވެ. ރާނީ އަކީ މަންހާ އާ އަޅާ ބަލާއިރު އެތައް ގުނައެއް ރަގަޅު ކުއްޖެއްކަން ޒައިނާ އަށް އިނގެއެވެ. އޭނާ މިހާރު ރާނީ ދެކެނީ ޒިއަން ފަދައިން އެއްބަނޑު އެއްބަފާ ކޮއްކޮއެއް ފަދައިންނެވެ. ޒައިނާވެސް މިހާރު އެންމެ އިންތިޒާރު އެކުރަނީ ރާނީ އެގެއަށް އަންނާނެ ދުވަހަކަށެވެ.
ޒައިނާ އެހެން ބުނުމުން މަސްނޫއީ ހިނިތުންވުމެއް ރާނީގެ މޫނުމައްޗަށް ވެރިކޮށްލިއެވެ. މިހާރު ރާނީ ވިސްނަމުން ދިޔައީ މިރޭ ދެން ކަންތައް ވާނެ ގޮތަކާއި ދޭތެރޭގައެވެ. މިހާރު އޭނާއަކީ މީހެއްގެ އަންބެއްކަން ހިތައް އެރުމުން މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.
"ދޭ އިނގޭ ކުޑޫ މިދަނީ ގެއަށް... ގުޑް ލަކް" ގެސްޓްހައުސްގެ ކުރިމަތީގައި ކާރު މަޑުކޮށްލަމުން ޒައިނާ ބުނެލިއެވެ. ހީލުމަށްފަހު ރާނީ ކާރުން ފޭބިއެވެ.
ރާނީގެ ކޮޓަރިއާއި ހިސާބަށް ދެވުންއިރު ހުރީ ނޭވާ އަވަސްވެފައެވެ. އެ ދޮރުގެ އެފަރާތުގައި ޒިއަން އިންނާނީ އޭނާގެ އިންތިޒާރުގައެވެ. މަޑުމަޑުން ރާނީ ދޮރު ހުޅުވައިލިއެވެ. އެނދުމަތީ ލޯ މަރައިލައިގެން އޮތް ޒިއަން ފެނުމުން ރާނީގެ ހިތް ލޯބިން ފުރުނެވެ. މަޑުމަޑުން ދޮރު ލެއްޕުމަށްފަހު އެނދުކައިރީ މަޑުކޮށްލިއެވެ. އަދި ޒިއަންގެ މޫނަށް ފުންކޮށް ބަލައިލިއެވެ. އެއީ މިހާރު ހަގީގަތުގައިވެސް އޭނާގެ ފިރިމީހާ ހެއްޔެވެ. އެހެން ހިތައް އެރުމުން ރާނީއަށް ހެވުނެވެ. ލައިގެން ހުރި ހެދުން ބަދަލުކޮށްލަން ރާނީ ވަނީ ފާހާނާއަށެވެ.
ރާނީ ނިކުތްއިރު ޒިއަން އިނީ އެނދުމަތީގައި އިށީންދެ ފޯނާ ކުޅޭށެވެ. ރާނީ ނިކުތް އަޑަށް ޒިއަން ބަލައިލިއެވެ.
"ވެއިޓެޑް ސޯ ލޯންގް" ޒިއަން ބުނެލިއެވެ. ރާނީ ހީލުމަށްފަހު ޒިއަންގެ ކައިރީގައި އިށީނެވެ. ޒިއަން މަޑުމަޑުން ރާނީގެ އަތުގައި ހިފައިލިއެވެ. ރާނީ އިނީ އިސްޖަހައިގެންނެވެ. ޒިއަން އަދިވެސް ބޮޑަށް ރާނީގެ ކައިރިއަށް ޖެހެލިއެވެ. އަދި ރާނީގެ ދަތްދޮޅީގައި ހިފައި އިސް އުފުއްލައިލިއެވެ. ރާނީގެ ލޯ ވަނީ މެރިފައެވެ. ޒިއަން ރާނީގެ ތުންފަތުގައި އޭނާގެ ތުންފައި ޖައްސައިލިއެވެ. ރާނީގެ ނޭވާ ނުހުއްޓުނީ ކިރިޔާއެވެ.
ދެމީހުން ސިއްސައިގެން ދިޔައީ ޒިއަންގެ ފޯނު ރިންގް ވާ އަޑަށެވެ. ގުޅަނީ މަންމައެވެ. ޒިއަން ފޯނު ސައިލެންޓަށް ލުމަށްފަހު އަނެއްކާވެސް އައިސް ރާނީގެ ކައިރީގައި ހަމަޖެހިލިއެވެ. ނަމަވެސް ފޯނު ހަމަ ވައިބްރޭޓް ވަނީއެވެ. ރާނީގެ އެދުމުގެ މަތިން ޒިއަން ފޯނު ނެގިއެވެ. ފޯނު ކަންފަތުގައި ޖެހުމާއި އެކު އިވުނީ މަންމަ ރޮއެގަންނަ އަޑެވެ.
"ދާން ޖެހިއްޖެ... އަންނާނަން ވެއިޓް ފޯ މީ" މިހެން ބުނުމަށްފަހު މަޑުވެސްކޮށްނުލައި ޒިއަން ނިކުމެގެން ހިނގައްޖެއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް