މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ފޮށީ ބަހައްޓަނެ ތަންތަނާއި އުސޫލު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފި އެވެ. އެވެ.
އެ ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ މީހުން ދިރިއުޅޭ ރަށެއް ނަމަ ވޯޓު ފޮށި ބަހައްޓާނީ 200 މީހުން ހަމަވާނަމަ ކަމަށެވެ. ސިނާއީ މަސައްކަތް ކުރާ ރަށްރަށުގެ އިތުރުން ރިސޯޓުތަކުގަ އާއި ޖަލުތަކުގައި ވޯޓު ފޮށި ބަހައްޓާނީ 100 މީހުން އެ ފޮށްތަކަށް ވޯޓުލާން ރަޖިސްޓްރީ ކޮށްފި ނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން އިންތިހާބުތަކެކޭ އެއްގޮތަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ރާއްޖެއިން ބޭރުގެ ފަސް ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެ އެވެ. އެއީ އިނގިރޭސިވިލާތް، ސްރީލަންކާ، އިންޑިއާ، މެލޭޝިއާ އަދި ސިންގަޕޫރުގައި އެވެ.
މީގެ ތެރެއިން އިންޑިއާ ފިޔަވާ އެހެން ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ މީގެ ކުރީގެ އިންތިހާބުތަކުގައިވެސް ވޯޓުފޮށި ބެހެއްޓި ސިޓީތަކުގައި އެވެ. އިންޑިއާގައި ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ ލިސްޓަށް ބެންގަލޫރު އިތުރު ކުރަން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އެކަމަކު މި ގައުމުތަކުގައިވެސް ވޯޓު ފޮށި ބަހައްޓާނީ 200 މީހުން އެތަންތަނަށް ވޯޓުލާން ރަޖިސްޓްރީކޮށްފި ނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.
އީސީން ގެންދަނީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ދުރާލާ ތައްޔާރުވަމުންނެވެ. އެ ކޮމިޝަނުން ބުނީ މަސައްކަތް ކުރަމުންދަނީ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިހާބު ބާއްވަންށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް