ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެ ދެމީހުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ މާލެ، މ.ވެލިދޫ، މުޙައްމަދު ނަޢީމް (64އ) އާއި ށ.މަރޮށި، އޯކިޑްމާގެ، ޢިނާޔަތުﷲ (35އ) އެވެ.
މި ދެމީހުންގެ ތެރެއިން މުޙައްމަދު ނަޢީމް ހޯދަމުންދަނީ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ 10:15 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމުގައި ފުލުހުން ބުނެ އެވެ.
އަދި ޢިނާޔަތުﷲ ޙޯދަމުންދަނީ ސިވިލް ކޯޓުން ބަލަމުންދާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ހާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ 09:15 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމުގައިވެސް ފުލުހުން ބުނެ އެވެ.
އީސް ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ނައީމް (މޮނާޒާ ނައީމް) ހޯދަން ފެބްރުއަރީ މަހުގެ ތެރޭގައިވެސް ފުލުހުން އިއުލާނު ކޮށްފައި ވެއެވެ.
މި ދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް