ގެދޮރު ގަތުމަށް ބޭނުންވާ ފަރާތްތަކަށް ޑައުން ޕޭމަންޓު ދެއްކުމަށް ރިޓަޔަމެންޓް ޕެންޝަން ފަންޑުގައިވާ ފައިސާ ބޭނުން ކުރުމުގެ އެއްބަސްވުމުގައި ޕެންޝަން އޮފީހާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު މަނިކެވެ. ސީބީއެމްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ދިލަން ރާޖަޕަކްސެ އެވެ.
މި އެއްބަސްވުމުގެ ދަށުން ސީބީއެމް މެދުވެރިކޮށް ގެދޮރު ގަތުމަށް ލޯނު ނަގާ ފަރާތްތަކަށް ގެގަތުމަށް ދައްކަންޖެހޭ ޑައުން ޕޭމަންޓަށް ބޭނުންވާ ފައިސާ އެމީހެއްގެ ރިޓަޔަމެނންޓް ޕެންޝަން ފަންްޑުން ނެގޭނެ އެވެ. ސީބީއެމްގެ އަމާޒަކީ ވީހާ ވެސް ލުއި ފަސޭހަކޮށް ގެދޮރު ގަންނަން ފައިނޭންސް ކޮށްދެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.
ގެދޮރު ގަންނަން ޑައުން ޕޭމަންޓުގެ ގޮތުގައި ޕެންޝަން ސްކީމްގައި ހުންނަ އެމީހެއްގެ ފައިސާގެ 80 ޕަސެންޓް ބޭނުން ކުރެވޭނެ އެވެ.
ޕެންޝަން އޮފީހުން ބުނީ މިހާތަނަށް 74 ފަރާތަކުން ޑައުން ޕޭމަންޓު ދައްކަން ފަންޑުން ފައިސާ ނަގާފައިވާ ކަމަށެވެ. އިތުރު ލުއި ފަސޭހަތައް ފަންޑުން ދެވޭނެ ގޮތްތަކެއް ހަދަން ޕެންޝަން ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮފީހުން ބުނެ އެވެ.
ޕެންޝަން ފަންޑުން މެދުވެރިކޮށް ޑައުންޕޭމަންޓް ދެއްކުމަށް މިހާތަނަށް ސީބީއެމްގެ އިތުރުން ބީއެމްއެލް އާއި އިސްލާމިކް ބޭންކް އަދި އެޗްޑީއެފްސީންއާ އެކު ވަނީ ސޮއި ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް