ވޯލްޑްކަޕް ފެށެން ވަގުތު ކުޑަތަން ވަނީ – ސަޕޯޓަރުން ތައްޔާރުތަ !؟

ބަރާބަރު 2 މަސް ދުވަހަށް ވީއެވެ. ބާކީ އޮތީ ހަމަ އެންމެ 60 ދުވަހެވެ. މުޅި ދުނިޔޭގެ އެތައް މިލިޔަން ބަޔަކު އިންތިޒާރު ކުރަމުން އަންނަ ވަގުތު ޖެހެން އެހާވެސް ކައިރިވެއްޖެއެވެ. އާނއެކެވެ. ދުނިޔެ މޮޔަކޮށްލ...

16 Apr 2018 | 06:02

ބަރާބަރު 2 މަސް ދުވަހަށް ވީއެވެ. ބާކީ އޮތީ ހަމަ އެންމެ 60 ދުވަހެވެ. މުޅި ދުނިޔޭގެ އެތައް މިލިޔަން ބަޔަކު އިންތިޒާރު ކުރަމުން އަންނަ ވަގުތު ޖެހެން އެހާވެސް ކައިރިވެއްޖެއެވެ. އާނއެކެވެ. ދުނިޔެ މޮޔަކޮށްލާ، އެތައް ބަޔަކު ހައިރާން ކޮށްލާ، އެތައް ބަޔަކު އުފަލުން އަނެއް ބަޔަކު ހިތްދަތިކަމުން ރޮއްވާލާ ބާރުގަދަ ކުޅިވަރުގެ އީދު ބޯމަތިވަނީއެވެ. ފުޓްބޯޅައަށް މަރުދޭ ފަރާތްތަކާ ކޮންމެ 4 އަހަރަކުން އެއް ފަހަރު ބައްދަލުކުރާ ފޯރިގަދަ "ފީފާ ވޯލްޑް ކަޕް" ފެށެން ކައިރިވީއެވެ.

ދުނިޔޭގެ އެންމެ މަޤުބޫލު ކުޅިވަރު ކަމުގައިވާ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތަށް ވަގުތު ކުޑަތަންވަމުން އަންނައިރު، މި ފަހަރު ފުޓްބޯޅައިގެ ޖޯޝީ ލޭ ހިނގާ ދިވެހިންނަށް ދެ ޢީދު އެއް ފަހަރާ ލައިގަންނާނެއެވެ. ކަލަންޑަރުގައިވާ ގޮތާ ދިމާވެއްޖެނަމަ، ރަޝިޔާގައި އޮންނަ ވޯލްޑް ކަޕް ފެށޭނީ ފިތުރު އީދު ވިލޭރޭގައެވެ.  2018 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:00 ގައެވެ. ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ރަޝިޔާ އާއި ސައޫދީ އެރެބިޔާއެވެ.

މި ހިނގާ 21 ވަނަ ގަރުނާއެކު ފުޓްބޯޅައަށް ވެސް އިންގިލާބީ، ޒަމާނީ ހެޔޮ ބަދަލުތަކެއް އަހިސްފައިވާއިރު، މި އަހަރު ރަޝިޔާގައި ބާއްވަނީ ވޯލްޑް ކަޕްގެ 21 ވަނަ މުބާރާތެވެ. ދުނިޔޭގެ ފުޓްބޯޅައިގައި ކުރިއްސުރެ ނަންވިދާ ބައެއް ޤައުމުތަކާއި، ފަހުން އެރި ބައެއް ތަރިތަކަށް ވެސް މި ފަހަރުގެ ވޯލްޑް ކަޕުން ޖާގައެއް ނުލިބުނެވެ. އިޓަލީ، ނެދަލޭންޑް، ވޭލްސް އަދި ޗިލީ ވޯލްޑް ކަޕުން ނުފެންނާނެއެވެ. މާޔޫސް ނުވާށެވެ. އެ ގައުމުތައް ކޮލިފައި ނުވިޔަސް، މުޅިން އަލަށް ވާދަކުރާ އައިސްލޭންޑާއި، ޒަމާންތަކަކަށްފަހު ވޯލްޑް ކަޕުން ޖާގަ ހޯދި މިސްރު ފަދަ ގައުމުތައް ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތައް ހެއްވާލާނެއެވެ.

އަނެއްކޮޅުން ގިނަ ބަޔަކު ސަޕޯޓްކުރާ ބްރެޒިލް، އާޖެންޓީނާ، ޖަރުމަނު، ފްރާންސް، ސްޕެއިން އަދި ޕޯޗުގަލް ފަދަ ގައުމުތައް ވެސް ހަމަ އެ އޮތީއެވެ. ޔަގީނުން ވެސް ބަލާ ހިތްވާކަހަލަ ހިތްގައިމު، ފޯރިގަދަ މެޗުތަކެއް ފެނިގެންދާނެއެވެ. ލޭ ކައްކުވާލާނެއެވެ. އެހެންކަމުން މި ވަގުތު މަޑުން ނުތިބޭށެވެ. ވޯލްޑް ކަޕްގެ ތައްޔާރީތައް މެކުހަށް ޖަހާ ވޯލްޑް ކަޕަށް ހާއްސަ ބޯޅަ، މެސްކޮޓް އަދި ލަވަ ވެސް އެވަނީ ތަޢާރަފު ކޮށްފިއެވެ. ވީއިރު، ދިވެހި ސަޕޯޓަރުން ސަޕޯޓް ކުރާ ގައުމުތަކުގެ ޖާޒީ އާއި ދިދަ އާއި ސްކާފްފަދަ ތަކެތި ގަނެ ޖަމާކޮށް، ޖަގަހަތައް ޒީނަތްތެރިކޮށް ތައްޔާރުވާން ވީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް