ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހިމްގެ ބަންދުގެ މުއްދަތު މުރާޖާ ކޮށް ބަދަލު ގެނެސްފި އެވެ.
ނަޖުމާ ހައްޔަރު ކުރީ މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. ބަންދު ކުރުމަށް ފަހު މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ނަޖުމާ ގޭ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި އެވެ.
އިއްޔެ ބޭއްވީ އެ މައްސަލައިގަ ކޯޓުން ކުރި އަމުރު މުރާޖާ ކޮށްދިނުމަށް ނަޖުމާގެ ފަރާތުން ހުށަހެޅުމުން ބޭއްވި އަޑު އެހުމެކެވެ. ބަންދުގެ މުއްދަތު މުރާޖާ ކުރުމަށްފަހު އިއްޔެ ކޯޓުން ވަނީ ނަޖުމާ 15 ދުވަހު ގޭ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި އެވެ.
ނަޖުމާގެ އިތުރުން މެންބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައީސް މައުމޫންގެ އަމިއްލަ ބޮޑީގާޑު މުހައްމަދު އަޒްމީގެ ބަންދުގެ މުއްދަތު މުރާޖާ ކުރުމަށް ފަހުވެސް ކޯޓުން ނިންމީ 15 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށެވެ. ކުރިން އަމުރުކޮށްފައިވަނީ ޝަރީއަތް ނިމެންދެން އަޒްމީވެސް ބަންދު ކުރުމަށެވެ.
އަޒްމީ ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި އެވެ. އެހެންވެ އޭނާ ބަންދުކޮށްފައިވަނީ ދޫނިދޫގައި އެވެ. ނަޖުމާ ގޭ ބަންދުގައި ބަހައްޓަން އަމުރު ކުރީ ގާތްގަނޑަކަށް 10 މަހުގެ ތުއްތު ކުއްޖަކަށް ގާތުން ކިރުދޭން ޖެހޭތީ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭ ފުލުހުން ބަލައި ފާސްކުރަމުން ގެންދަނިކޮށް، އެ ގެއާ އިން ވެގެން ހުންނަ އެންދެރިގަސް ގެ އިން ކަޅު ފޮއްޓެއް ކާރަކަށް އަރުވައިގެން ގެންދިޔަ އެވެ. އަދި ކަޅު ފޮށި ފެނުނީ ނަޖުމާ ގެ އިން ކަމަށާއި ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅޭ ހެކިތަކެއް އެ ފޮށިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް