މަގްބޫލު ބޮޑެތި ބްރޭންޑްތަކުގެ ސްމާޓްފޯނަށް ކަވަރު ތައްޔާރު ކުރުމުގައި ނުރައްކާތެރި މާއްދާތައް ބޭނުން ކުރުމުގައި ޗައިނާ ހައްދުފަހަނަ އަޅާފައިވާކަމަށް ޗައިނާގެ ޝެންޒެން ކަންޒިއުމާ ކައުންސިލުން ހާމަކޮށްފި އެވެ.
އެގޮތުން އެ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ އެޕަލް، ޒައޯމީ ފަދަ މަގްބޫލު ބޮޑެތި ބްރޭންޑްތަކުގެ ކަވަރު އުފެއްދުމުގައި އިންސާނުންނަށް އިންތިހާއަށް ނުރައްކާވާ މިންވަރަށް ނުރައްކާތެރި މާއްދާތައް ބޭނުންކުރަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެ ފަދަ ބައެއް ކަވަރުތައް އެ އުފެއްދުންތަކުގެ ރަސްމީ ވެބްސައިޓްގައި ވިއްކަމުންދާކަންވެސް ފާހަގަ ކޮށްފައި ވެ އެވެ.
އެ ކައުންސިލުން ހާމަކޮށްފައިވާގޮތުގައި 28 ބްރޭންޑެއްގެ 30 ވައްތަރެއްގެ ކަވަރު އެމީހުން ވަނީ ތަހުލީލު ކޮށްފަ އެވެ. އޭގެ ތެރޭގައި އެޕަލް، ސޭމްސަންގް ވާވޭ އަދި ޒައޯމީ ބްރޭންޑް ހިމެނެ އެވެ.
ބޭނުންކުރަން ހުއްދަ އޮންނަ ވަރަށްވުރެ އެތައް ގުނައެއް އިތުރަށް ބައެއް މޮޑެލްތަކުގެ ކަވަރުތަކުގައި އެފަދަ މާއްދާތައް ބޭނުންކޮށްފައިވާކަމަށާއި އެގޮތުން ޝިމަރިންގ ޕައުޑާ ނަމަކަށް ކިޔާ މާއްދާއެއް ކަވަރެއްގައި 1550 ގުނަ އިތުރަށް ބޭނުންކޮށްފައިޥާކަން އެ ކައުންސިލުން ހާމަކޮށްފައި ވެ އެވެ.
އެ ކައުންސިލުން ހާމަކޮށްފައިވާގޮތުގައި އެ މާއްދާތަކުގެ ތެރޭގައި ޕޮލޯސައިކްލިކް އެރޯމެޓިކް ހައިޑްރޯކާބަން އަދި ޕްލާސްޓަސައިޒާ ހިމެނެ އެވެ. އެ މާއްދާތަކަކީ އިންސާނުންގެ ބައެއް ގުނަވަންތައް ހަލާކުކޮށްލާ އަދި ކެންސަރަށް މަގުފަހިކުރުވާ މާއްދާތައް ކަމުގައި ހާމަކޮށްފައި ވެ އެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުގައި ޗައިނާގައި ފޯނު ބޭނުންކުރާ މީހުންގެ އަދަދު މިދިޔަ އަހަރު ވަނީ 1.42 ބިލިޔަނަށް އަރާފަ އެވެ. އޭގެ ތެރޭން 75 އިންސައްތަ މީހުން ފޯނު ކަވަރު ބޭނުން ކުރެ އެވެ. ޗައިނާގައި ބޭނުންކުރާ ކަވަރުތަކުގެ 70 އިންސައްތަ އުފައްދަނީ ޝެންޒެން ޕްރޮވިސްގައި އެވެ. އެއީ އަހަރަކަށް 20 ބިލިޔަން ޔުއާން ދައުރުވާ ވިޔަފާރިއަކަށް ވަނީ ވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް