ސޫރިޔާގެ އިރުމަތީ ޣޫތާގައި ކެމިކަލް ހަމަލާއެއް ދީ 70 އަށްވުރެ ގިނަ އާންމުން މަރާލާފައިވާއިރު އެ ހަމަލާދިނުމުގައި ބޭނުންކޮށްފައިވަނީ ސަރިން ގޭހާއި ކްލޮރިން ކަމުގައި އެމެރިކާއިން ބުނެފި އެވެ.
ސޫރިޔާ ކެމިކަލް ހަމަލާގެ މައްސަލައިގާ އެންމެ ވަރުގަދައަށް އަޑު އުފުލަމުން އަންނަ ގައުމަކީ އެމެރިކާ ކަމުގައިވާއިރު އެ ހަމަލާގައި ބޭނުންކޮށްފައިވާ ކެމިކަލްގެ މައުލޫމާތު ދާދި އަވަހަށް އިއުލާނު ކުރާނެ ކަމުގައި އެމެރިކާއިން ކުރިން ވަނީ ބުނެފަ އެވެ.
އެގޮތުން އެމެރިކާއިން އިއްޔެ ބުނެފައިވަނީ އެންމެ ފަހުން ލިބުނު މައުލޫމާތަށް ރިއާޔަތް ކުރާއިރު އެ ހަމަލާގައި ސަރިން ގޭހާއި ކްލޮރިން ބޭނުންކުރިކަމުގައި ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި އެކަންކަން ކަށަވަރުކޮށް ސާބިތު ކުރާނެ ކަމުގައިވެސް އެމެރިކާއިން ބުނެފައި ވެ އެވެ.
މި މައުލޫމާތު އެމެރިކާ އިން ހާމަކޮށްފައިވާއިރު ސޫރިޔާ މައްސަލައިގާ ފްރާންސާއި އިނގިރޭސިވިލާތާއެކު ގުޅިފައިވާ ކޯލީޝަނެއް އުފައްދައި އެމެރިކާއިން އިސްވެ އޮވެ މިދިޔަ ހޮނިހިރު ދުވަހު ސޫރިޔާއަށް ހަމަލާތަކެއް ދީފައި ވެ އެވެ.
ޕެންޓަގަނުން ހާމަކޮށްފައިވާގޮތުގައި އެ ހަމަލާތައް އަމާޒުކުރީ ކެމިކަލް އުފައްދާ ފެކްޓަރީ އަކަށާއި ކެމިކަލް ރައްކާކުރާ ދެ ސްޓޯރޭޖް ފެސިލިޓީ އަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް