އީރާނަށް ހަމަލާ ދޭއިރު އިންފްރާސްޓްރަކްޗާއަށް ގެއްލުން ނުދީ ވޭތޯ ވަރަށް ބަލަން: ޓްރަމްޕް

އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގައި، އީރާނުގެ އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތައް ނުދީ ހިފެހެއްޓޭތޯ ބަލަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޕީބީއެސްއަށް ދިން...

16 Mar 2026 | 16:30
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް -

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް -

އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގައި، އީރާނުގެ އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތައް ނުދީ ހިފެހެއްޓޭތޯ ބަލަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޕީބީއެސްއަށް ދިން ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ ތެހެރާނުގެ ގިނަ އިންފްރާސްޓްރަކްޗާ ބެހެއްޓީ، އެ ތަންތަނަށް ހަމަލާ ދީފި ނަމަ އެތައް އަހަރެއް ވަންދެން އަލުން ބިނާކުރަން ޖެހޭނެތީ ކަމަށެވެ. ކަރަންޓް ޕްލާންޓުތައް އެންމެ ގަޑިއިރެއްގެ ތެރޭގައި ނައްތައިލެވޭނެ ކަމަށާއި، ނަމަވެސް އެއީ އެތައް އަހަރެއްގެ މަސައްކަތް ގެއްލޭނެ ކަމެއް ކަމުން، އެފަދަ ހަމަލާތަކުން ދުރުހެލިވާން މަސައްކަތްކުރާ ކަމަށް ޓްރަމްޕް ބުންޏެވެ. އީރާނުގެ ކަރަންޓް ވިއުގައަށް ހަމަލާ ދީފި ނަމަ މުޅި ސަރަހައްދު އަނދިރިކަމުގެ ތެރެއަށް ވައްޓައިލާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

ޓްރަމްޕް އިތުރަށް ބުނީ، ދާދި ފަހުން ޚާރްގް ޖަޒީރާއަށް ދިން ހަމަލާގައި ވެސް ތެޔޮ ހޮޅިތަކަށް ހަމަލާ ނުދޭ ކަމަށެވެ. ތެޔޮ ހޮޅިތައް ބެހެއްޓީ އެއީ އެތައް އަހަރެއްގެ މަސައްކަތުން ތައްޔާރުކޮށްފައިވާ ތަކެތި ކަމަށް ވާތީ ކަމަށް ޓްރަމްޕް ބުންޏެވެ. ނަމަވެސް ޚާރްގް ޖަޒީރާ މިހާރު ވަނީ ހޮޅިތައް ފިޔަވައި ބޭނުން ނުކުރެވޭ ހާލަތަކަށް ގެނެސްފައި ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނަމުން ދަނީ، އެމެރިކާއާއި އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޢާންމު ރައްޔިތުންގެ ތަންތަނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ. އޭގެ ތެރޭގައި ގެތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް ހިމެނޭ ކަމަށް އީރާނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް