އައްޑޫއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި

މާލެއިން ފުރައިގެން ސ.މީދޫ އަށް ދަތުރުކުރި "އަލްމާ" ބޯޓު ސ.މީދޫ ނެރުބައްތީގެ އިރު ދެކުނު ފަރަށް އަރައިފިއެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ބުނީ، އެ ހާދިސާގެ ރިޕޯޓު ރޭ 02:57 ހާއި...

16 Mar 2019 | 09:05

މާލެއިން ފުރައިގެން ސ.މީދޫ އަށް ދަތުރުކުރި "އަލްމާ" ބޯޓު ސ.މީދޫ ނެރުބައްތީގެ އިރު ދެކުނު ފަރަށް އަރައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ބުނީ، އެ ހާދިސާގެ ރިޕޯޓު ރޭ 02:57 ހާއިރު ކަމަށެވެ. އަދި ރިޕޯޓް ލިބުމާއި އެކީ ވަގުތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއެކު ހަރަކާތްތެރިވާން ފެށި ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، މިހާދިސާ ހިނގި އިރު 11 މީހުން ތިބި ކަމަށެވެ. އޭގެ ތެރޭގައި ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަސް ބިދޭސީންނާއި ހަތަރު ދިވެހިންގެ އިތުރުން ޕަސެންޖަރުންގެ ގޮތުގައި ބޯޓުން ދަތުރުކުރި އެއް ބިދޭސީ އަކާއި ދިވެއްސެއް ހިމެނޭ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ނޫރައްދީން ލޯންޗުގެ ޑައިވަރުން، ލިބުނު ގެއްލުން ބެލުމަށް، ޑައިވިންގއަށް ފައިބައިގެން ބެލި ބެލުމުން އަލްމާ ބޯޓުގެ ވާތް ފަރާތުން ގާތްގަނޑަކަށް ތިން ފޫޓު ހާތަން ވަނީ ފަޅައިގެން ގޮސްފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު ޕަސެންޖަރުންގެ ގޮތުގައި ބޯޓުން ދަތުރުކުރި ދެ މީހުން ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ލޯންޗެއްގައި ސަލާމަތްތެރިކަމާއެކު މީދޫއަށް ގެންގޮސްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް