ފަރަށް އުރުނު ބޯޓަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދެނީ

މާލެއިން ފުރައިގެން ސ.މީދޫ އަށް ދަތުރުކުރި "އަލްމާ" ބޯޓު ސ.މީދޫ ނެރުބައްތީގެ އިރު ދެކުނު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެ...

16 Mar 2019 | 05:08

މާލެއިން ފުރައިގެން ސ.މީދޫ އަށް ދަތުރުކުރި "އަލްމާ" ބޯޓު ސ.މީދޫ ނެރުބައްތީގެ އިރު ދެކުނު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ހާދިސާގެ ރިޕޯޓު ރޭ 02:57 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ޑައިވަރުންނާއެކު ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާ ހިނގި އިރު ބޯޓުގައި 11 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ 5 ބިދޭސީންނާއި 4 ދިވެހިންގެ އިތުރުން ޕަސެންޖަރުންގެ ގޮތުގައި ބޯޓުން ދަތުރުކުރި 1 ބިދޭސީ އަކާއި ދިވެއްސެކެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އަލްމާ ބޯޓު ފަރަށް އެރުމާ ގުޅިގެން ބޯޓަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ނޫރައްދީން ލޯންޗުގެ ޑައިވަރުން، ޑައިވިންގއަށް ފައިބައިގެން ބެލި ބެލުމުން އަލްމާ ބޯޓުގެ ވާތް ފަރާތުން ގާތްގަނޑަކަށް 3 ފޫޓު ހާތަން ވަނީ ފަޅައިގެން ގޮސްފައެވެ. އަދި ބޯޓު ފަރަށް އަރައި އެއް ފަޅިއަށް އަރި އަޅާލާފައިވާތީ ބޯޓުގައި ހުރި މުދާތައް އެހެން ދޯންޏަކަށް ހުސްކުރުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ދަނީ ކުރަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު ޕަސެންޖަރުންގެ ގޮތުގައި ބޯޓުން ދަތުރުކުރި ދެ މީހުން ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ލޯންޗެއްގައި ސަލާމަތްތެރިކަމާއެކު މީދޫއަށް ގެންގޮސްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް