ކުއާޓާ ފައިނަލްގައި އިނގިރޭސި ގަދަ 2 ބާރު އަދި ރެއާލް އާއި ޔުވެންޓަސްގެ ކުރިމަތިލުމެއް!

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އިނގިރޭސި ގަދަ 2 ބާރު ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރަން ޖެހުނުއިރު، އެންމެ ފަހުގެ ޗެމްޕިއަންސް ރެއާލް މެޑްރިޑަށް އިޓަލީގެ ގަދަބާރު ޔުވެންޓަސ...

16 Mar 2018 | 15:13

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އިނގިރޭސި ގަދަ 2 ބާރު ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރަން ޖެހުނުއިރު، އެންމެ ފަހުގެ ޗެމްޕިއަންސް ރެއާލް މެޑްރިޑަށް އިޓަލީގެ ގަދަބާރު ޔުވެންޓަސްއާ ވާދަކުރަން ޖެހިއްޖެއެވެ.

ޓީމުތައް ސީޑް ކުރުމަކާ ނުލާ މިއަދު ސްވިޒަލޭންޑްގައި ހުންނަ ޔުއެފާގެ ހެޑްކުއާޓާގައި ކުރިއަށް ދިޔަ ގުރުނެގުމުގެ ރަސްމިއްޔާތުގައި ގުރު ނަގައިދިނީ ފައިނަލް އެމްބެސެޑަރ އަންދްރީ ޝެވްޗެންކޯ އެވެ.

ކުއާޓާ ފައިނަލް މެޗްތަކުން ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ފާއިތު އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރި ދެ ޓީމު ކަމަށްވާ ރެއާލް މެޑްރިޑާއި ޔުވެންޓަސް ބައްދަލުކުރަން ޖެހުމެވެ. އެ މެޗުގައި 4-1 ގެ ނަތީޖާއިން ޔުވެންޓަސް ބަލިކޮށް ރެއާލް މެޑްރިޑް ޗެމްޕިއަންކަން ހޯދިއިރު، ޔުވެންޓަސް އިން ނުކުންނާނީ އެ ނަތީޖާގެ ބަދަލު ހިފުމަށެވެ.

މީގެ ކުރިން ރެއާލް މެޑްރިޑާއި ޔުވެންޓަސް ޗެމްޕިއަންސް ލީގުގައި 19 ފަހަރު ވާދަކޮށްފައިވާއިރު، 9 މެޗު ނިމުނީ ރެއާލް މެޑްރިޑް މޮޅުވެގެންނެވެ. ޔުވެންޓަސް 8 މެޗު ކާމިޔާބު ކުރިއިރު، 2 މެޗު އެއްވަރުވެފައިވެއެވެ.

ކުއާޓާ ފައިނަލް މެޗުތަކުގެ ތެރެއިން އެންމެ ފޯރި ގަދަވާނެ ކަމަށް ބެލެވޭ އެއް މެޗަކީ އިނގިރޭސި ގަދަ ދެ ބާރު ކަމަށްވާ ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ ވާދަކުރާ މެޗެވެ. ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ސިޓީން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ލިވަޕޫލްގެ އެޓޭކިންގ ގޭމް އަކީ ކޮންމެ ޓީމަކަށް ވެސް އޮތް ބިރެކެވެ. ޕްރިމިއާ ލީގުގައި ސިޓީން މި ސީޒަނުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް ގެނައީ ވެސް ލިވަޕޫލްއެވެ.

މިއީ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ވާދަކުރާ އަލަތު ފަހަރެވެ. މީގެ ކުރިން މި ދެ ޓީމު ޗެމްޕިއަންސް ލީގުގައި ބައްދަލުކުރަން ޖެހިފައި ނުވާއިރު، ޑޮމެސްޓިކް މުބާރާތްތަކުގައި މި ދެ ޓީމު އެންމެ ފަހުން ވާދަކުރި 8 މެޗުގެ ތެރެއިން ސިޓީއަށް ކާމިޔާބު ކުރެވުނީ އެންމެ މެޗެކެވެ. ލިވަޕޫލް ވަނީ 5 މެޗުން މޮޅުވެފައެވެ.

ކުއާޓާ ފައިނަލްގެ އެހެން މެޗުތަކަށް ބަލާއިރު، ސްޕެނިޝް ލީގުގެ ތާވަލުގެ އެއް ވަނައިގައި އޮތް ބާސެލޯނާ ނުކުންނާނީ އިޓަލީގެ ރޯމާއާ ދެކޮޅަށެވެ. މި ދެ ޓީމު މީގެ ކުރިން 4 ފަހަރު  ވާދަކޮށްފައިވާއިރު، ކޮންމެ ޓީމަކަށް ވެސް ކާމިޔާބު ކުރެވުނީ އެންމެ މެޗެކެވެ. އަނެއް 2 މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

ކުއާޓާ ފައިނަލަށް ދަތުރުކުރި ސްޕެއިންގެ ދެން އޮތް ޓީމު ކަމަށްވާ ސެވިއްޔާ ވާދަކުރާނީ  ޖަރުމަނުގެ ވަރުގަދަ ބަޔާން މިޔުނިކާއެވެ. ޗެމްޕިއަންސް ލީގުގައި ސެވިއްޔާ އާއި ބަޔާން މިޔުނިކްގެ ކުރިމަތިލުމެއް މީގެކުރިން ފެނިގެން ގޮސްފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް މެޗުތައް:

ބާސެލޯނާ – ރޯމާ، ފުރަތަމަ ލެގް 4 އޭޕްރިލް، 2 ވަނަ ލެގް 10 އޭޕްރިލް

ސެވިއްޔާ – ބަޔާން މިޔުނިކް، ފުރަތަމަ ލެގް 3 އޭޕްރިލް، 2 ވަނަ ލެގް 11 އޭޕްރިލް

ޔުވެންޓަސް – ރެއާލް މެޑްރިޑް، ފުރަތަމަ ލެގް 3 އޭޕްރިލް، 2 ވަނަ ލެގް 11 އޭޕްރިލް

ލިވަޕޫލް – މެންޗެސްޓާ ސިޓީ، ފުރަތަމަ ލެގް 4 އޭޕްރިލް، 2 ވަނަ ލެގް 10 އޭޕްރިލް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް