ސެމްސަންގ އެސް9 އަދި އެސް9 ޕްލަސްގެ ޕްރީ އޯޑަރު ދިރާގުން ނަގަން ފަށައިފި އެވެ.
އެ ކުންފުނިން ބުނީ އިއްޔެއިން ފެށިގެން ފުރުސަތުު ހުޅުވާލާފައިވާ ކަމަށާއި ދިރާގު ވެބްސައިޓު މެދުވެރިކޮށް ޕްރީ އޯޑަރު ކުރެވޭނެ ކަމަށެވެ. ސެމްސަންގުގެ އާ ފޯނު އެ ކުންފުނި މެދުވެރިކޮށް ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ކުރިޔަށް ގެންދަންވެސް ވަނީ ނިންމާފަ އެވެ.
އެގޮތުން ފޯނު ގަނެ އަލަށް ދިރާގު ޕޯސްޓްޕެއީޑް ނަގާ ކަސްޓަމަރުންނަށް ހަ މަސް ވަންދެން ފަސްޖީބީ ހިލޭ އިންޓަނެޓް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި 4ޖީ ޕްލަސް ނެޓްވޯކް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުނެ އެވެ.
މީގެ އިތުރުން އެސް9 އަދި އެސް9 ޕްލަސް ގަންނަ ހުރިހާ ކަސްޓަމަރުންނަށް ސެމްސަންގ އިން ނެރޭ ގިއާ ސްޕޯޓްް ގަޑި ގަންނަން ބޭނުންވާނަމަ 30 ޕަސެންޓު ޑިސްކައުންޓު ލިބޭނެ އެވެ. މި ގަޑި ރާއްޖެ ގެނެސް ވިއްކަން ފަށާނީ އެޕްރީލް މަހުގެ ކުރީ ކޮޅު ކަމަށް ދިރާގުން ބުނެ އެވެ.
ސެމްސަންގ އެސް9 އާއި އެސް9 ޕްލަސްގެ 64ޖީބީ އާއި 128ޖީބީގެ ފޯނަށް ދިރާގު މެދުވެރިކޮށް ޕްރީ އޯޑަރު ކުރެވެ އެވެ. ޕްރީ އޯޑަރު ކުރެވޭ ކުލަތަކުގެ ތެރޭގައި މިޑްނައިޓް ބްލެކް، ކޮރަލް ބްލޫ އަދި ދި ނިއު ލައިލަކް ޕާޕަލް ހިމެނެ އެވެ.
ސެމްސަންގ އެސް9 އާއި އެސް9 ޕްލަސް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް