ފުލުހުންގެ ޔުނިފޯމްގައި ތިބެ އިންޒާރުދޭ އާ ވީޑިއޯއެއް އަނެއްކާވެސް ނެރެފި

މިއަދު އިދކޮޅު ފަރާތްތަކުން ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވާނެ ކަމަށް ބުނެ ފުލުހުންގެ ޔުނިފޯމު ލައިގެން ތިބެ އިންޒާރުދޭ ވީޑިއޯއެއް އަނެއްކާވެސް ނެރެފި އެވެ. ރޭ އާންމު ކުރި ވީޑިއޯގައި ފެންނަނީ ފުލުހ...

16 Mar 2018 | 07:20

މިއަދު އިދކޮޅު ފަރާތްތަކުން ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވާނެ ކަމަށް ބުނެ ފުލުހުންގެ ޔުނިފޯމު ލައިގެން ތިބެ އިންޒާރުދޭ ވީޑިއޯއެއް އަނެއްކާވެސް ނެރެފި އެވެ.

ރޭ އާންމު ކުރި ވީޑިއޯގައި ފެންނަނީ ފުލުހުންގެ އޮޕަރޭޝަނަލް ޔުނިފޯމްގައި ތިބެ ތިން މީހަކު އިންޒާރުދޭތަނެވެ. މީގެ ދެ ރޭ ކުރިން އާންމު ކުރި ވީޑިއޯގައި ފެންނަން ތިބި ތިން މީހުން ތިބީ ފުލުހުންގެ އެސްއޯ ޔުނިފޯމު ލައިގެންނެވެ. ދެ ވީޑިއޯގައިވެސް ފެންނަ މީހުން ތިބީ މޫނު ނިވާކޮށްގެންނެވެ.

ރޭ އާންމު ކުރި ވީޑިއޯގައި ބުނަނީ މިއީ ފަހު މެސެޖު ކަމަށެވެ. އަދި މިއަދުގެ މުޒާހަރާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލާފައިވާއިރުވާއިރު ބުނެފައިވަނީ މުޒާހަރާގެ ވަކި ހިސާބަކުން ފުލުުހުން ބައިވެރިވާނެ ކަމަށެވެ.

"އަޅުގަނޑުމެން އޮޕަރޭޝަނަލް ޓީމުން، މުޅި އެސްއޯ ޓީމާއެކު، މާތް ﷲ ގަންދީ ހުވާކޮށް ތިޔަބޭފުޅުންނާ އެކީގައި ބައިވެރިވާނަން،" ވީޑިއޯގައި ބުނެ އެވެ.

އެސްއޯ ފުލުހުން ކަމަށް ބުނެ އާންމު ކުރި ވީޑިއޯގައި ބުނަނީ ސަރުކާރުން ގާނޫނު އަސާސީ އާއި ހިލާފަށް ފުލުހުންނަށް ކުރާ އަމުރުތައް ވަގުތުން ހުއްޓާލަން ގޮވާލާކަމަށެވެ. އަދި އެކަމަށް މިމަހުގެ ނިޔަލަށް މުއްދަތެއްވެސް ދިނެވެ. އިތުރަށް ބުނެފައިވަނީ އެ މުއައްސަސާއަކީ ޕީޕީއެމްގެ ޖަގަހައެއް ކަމަށް ހީވާ ދަރަޖަ އަށް ކަންކަން ހިނގައްޖެ ކަމަށެވެ

މި ވީޑިއޯ އާއި ގުޅިގެން ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ދެ ރޭ ކުރިން ނެރުނު ވީޑިޢޯގައި ފެންނަނީ ފުލުހުންކަން ކަށަވަރު ނުވާ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ ފުލުހުންގެ ތެރޭގައި ބައިބައިވުން އުދެއްދުމަށް ބަޔަކު މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި އެ ވީޑިއޯގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް