އދ އިން ރާއްޖެއަށް އާ މަންދޫބަކު ކަނޑައަޅައިފި

އ.ދ.އިން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރު ކެތަރިން ހެސްވެލް، އެކަމަނާގެ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. މަޤާމުގެ...

16 Feb 2020 | 13:52

އ.ދ.އިން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރު ކެތަރިން ހެސްވެލް، އެކަމަނާގެ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މަޤާމުގެ ފަތްކޮޅު އެރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތަށްފަހު، ރައީސް ވަނީ އ.ދ.އިން ރާއްޖެއަށް ކަނޑައެޅުއްވި ކެތަރިން ހެސްވެލްއާ ބައްދަލުކުރައްވާ، އެކަމަނާއަށް ތަހުނިޔާ ވިދާޅުވެފައެވެ. މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އ.ދ އަކީ ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރާ މަސައްކަތްތަކުގައި ބޮޑު ދައުރެއް ކުޅޭ ޖަމާއަތެއްކަން ފާހަގަކުރައްވާ، ރާއްޖޭގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އެޖަމިއްޔާގެ ބައިވެރިވުން ކުރިޔަށްވުރެ ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އ.ދ.ގެ އައު ރެޒިޑެންޓް ކޯޑިނޭޓަރ މިސް ކެތަރިން ހެސްވެލް ވަނީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގައިވާ ތަރައްޤީގެ އެޖެންޑާ ޙާޞިލްކުރުމުގައި އ.ދ.ގެ ފަރާތުން ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. ހެސްވެލްގެ ވާހަކަފުޅުގައި އ.ދ.ގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި އެކަމަނާގެ ވާހަކަފުޅުގައި އަންހެނުން ބާރުވެރިކުރުވުމާއި މިންތީގެ ހަމަހަމަކަމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތަށް ތަޢުރީފުކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުން ނިންމަވާލެއްވުމުގެ ކުރިން ރައީސް ވަނީ އ.ދ. އިން ރާއްޖެއާމެދު ބަހައްޓަވާ ގާތްކަމާއި، ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވާ، އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، ޢަލީ ޒާހިރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ، ޞަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް