ގ. ޕްރެސައިޑް ގޭ އެއްވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގަ އެ ގެއަށް ލިބުނު ގެއްލުންތަކާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އަލިފާން ރޯވި ގޭގައި ދިރިއުޅުނީ ހަ ފިރިހެނުންނެވެ.
އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިސާން ހަސަން މީޑިއާގަ ވިދާޅުވީ އެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން އެ ގޭގައި ދިރިއުޅެމުން އައި މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ.
އަލިފާން ރޯވެ ފެތުރުމުގެ ސަބަބުން އެމީހުންގެ އަންނައުނުތައް ވަނީ އަނދާފަ އެވެ. ހިސާން ވިދާޅުވީ އަންނައުނު ގަތުމަށް އެމީހުންނަށް އެހީވުމުގެ ގޮތުން ބޮލަކަށް 1500ރުފިޔާ މިއަދުގެ ވަގުތެއްގައި ހަވާލު ކުރާނެ ކަމަށެވެ.
މިހާދިސާގައި އެގޭގައި ދިރިއުޅުނު އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ޕްރެސައިޑް ގޭގައި އަލިފާން ރޯވީ ކަރަންޓު ޑީ ބޯޑުގައި އެވެ. އެގޭގައި ރޯވި އަލިފާންގަނޑު ނިވާލާފައިވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ގޮސް ކުރި މަސައްކަތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް