ޗައިނާގެ ވޫހާން ސިޓީއަށް އުފަންވި ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އަދިވެސް ކޮންޓްރޯލް ނުކުރެވޭތީ ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފި އެވެ.
ކޮރޯނާ ވައިރަސްގަ އިއްޔެ އެކަނި 142 މީހުން މަރުވި އެވެ. އަދި ސްޕެއިންގަ ފުރަތަމަ ފަހަރަށް މި ބަލީގައި ޗައިނާ މީހަކު ވަނީ މަރުވެފަ އެވެ. ބައްޔަށް68،500 މީހުން ވަނީ ޕޮސިޓިވްވެފަ އެވެ.
ޑްބަލިއުއެޗްއޯއިން ބުނީ ހުރިހާ ގައުމެއްގެ ސަރުކާރުތަކުންވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް ކޮރޯނާ ވައިރަސްއާ ދެކޮޅަން އަޅަން ޖެހިފައިވާ ކަމަށެވެ. އެއީ މި ބަލި ޖެހިފައިވާ މީހަކު ކޮންމެ ގައުމަކުން ވެސް ފެނުމުގެ ފުރުސަތު ބޮޑުވުމުންނެވެ.
އެ ޖަމިއްޔާއިން ބުނީ ޗައިނާއަށް ދަތުރު ކޮށްފައިވާ މީހުންނާ އެ ގައުމުގައި އުޅޭ މީހުންގެ އިތުރުން މިހާރު ސިއްހީ ހިދުމަތްތެރިންނަށް މި ބަލި ޖެހިފައިވާ އަދަދަކީ ބައްޔާމެދު އިތުރަށް ސަމާލުކަންދީ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ މައިގަނޑު ސަބަބު ކަމަށެވެ.
މިބަލީގެ ނުރައްކާތެރިކަން މުޅި ދުނިޔެއަށް ހާމަކޮށްދިން ޗައިނާގެ ޑޮކްޓަރުގެ އިތުރުން ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ10 ވަރަކަށް ސިއްހީ ހިދުމަތްތެރިން މި ބަލީގައި މަރުވެއްޖެ އެވެ. އަދި ހާހަކަށްވުރެ ގިނަ ސިއްހީ ހިދުމަތްތެރިންނަށް ބަލި ޖެހިފައިވާކަމަށް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މިހާތަނަށް 1665 މީހުން ކޮރޯނާ ވައިރަސް ޖެހިގެން ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް