ހުއިފިލަނޑާ ނަގަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނީ

އދ. ހުރުއެޅި ނަމަކަށް ކިޔާ ފަޅުރަށެއްގެ ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. އެ ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ށ. ޅައިމަގު، އެވަރެސްޓް، އަޙްމަދު ޖައިލަމް 23،...

16 Feb 2017 | 18:48

އދ. ހުރުއެޅި ނަމަކަށް ކިޔާ ފަޅުރަށެއްގެ ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެ ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ށ. ޅައިމަގު، އެވަރެސްޓް، އަޙްމަދު ޖައިލަމް 23، އެވެ.

އެމްއެންޑީއެފުން ބުނީ އޭނާ ގެއްލިގެން ރިޕޯޓު ކުރީ 3:45 ހާއިރު ކަމަށެވެ. އޭނާ ހުއިފިލަނޑާ  ނަގަން މޫދަށް ފޭބީ މިއަދު މެންދުރު 1:15 ހާއިރު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ފެށީ އެކުގައި ފޭބި ދެމީހުން މައްޗަށް އެރި އިރު ޖައިލަމްގެ ހަބަރެއް ނުވުމުން ކަމަށެވެ.

ރ. ދުވާފަރު "މަންފާ" ނަމަކަށް ކިޔާ ދޯނި މިއަދު ހުއިފިލަނޑާ ނަގަން ގޮސް އުޅުނީ ނުވަ މީހުންނާއެކުއެވެ.

ޑައިވިންއަށް ފޭބިއިރު، ޖައިލަމް ލައިގެން ހުރީ ކަޅު ކުލައިގެ ވެޓް ސޫޓަކާއި އަދި ކަޅުކުލައިގެ ބީސީޑީ (ޑައިވިންގ ޖެކެޓް) އެކެވެ. އަދި ހުދުކުލައިގެ ފިންސަކަށް އަރާފައި ހުރި އިރު، އަޅައިގެންހުރީ ކަޅު ކުލައިގެ މޫނުމައްޗެކެވެ. މީގެ އިތުރުން އޭނާގެ އިސްކޮޅުގައި ފަސްފޫޓް ހަ އިންޗި ހުންނާނެ ކަމަށާއި ފީނަން ފޭބިއިރު ޖައިލަމްގެ އަތުގައި ރަތް ކުލައިގެ ބެލޫނެއް ވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޖައިލަމް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ވެސް އެކަން ބަލައިދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެއްވެސް ފަރާތަކުން ޖައިލަމާ ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ އެކަން އެންގުމަށް ވެސް ވަނީ އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް