އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ކައުންސިލް އިންތިހާބުގައި ކުރިމަތިލާން ބޭނުންވާ ކެންޑިޑޭޓުންނަށް މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ލޯކަލް ކައުންސިލްތަކުގެ ގާނޫނުގެ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ޝަރުތުތަކަށް ބަދަލު ތަކެއް އައިސްފައިވާތީ އެވެ.
ކެންޑިޑޭޓުންގެ ޝަރުތަތަކަށް ބަދަލު ގެނެސް ބައެއް ކުށްތައް ކޮށްފައިވާ ފަރާތްތަކަށް އިންތިހާބުގައި ވާދަ ކުރެވޭގޮތަށް މަޖިލީހުން މިދިޔަ ހޯމަ ދުވަހު ފާސްކުރި ގާނާނު އިއްޔެ ވަނީ ރައީސް ތަސްދީގު ކުރައްވާފައި އެވެ.
އީސީން ބުނީ ޝަރުތު ހަމަ ނުވެގެން ކެންޑިޑޭސީ ބާތިލް ކޮށްފައިވާ ފަރާތްތަކަކުގެ ޝަރުތު މިހާރު ގާނޫނަށް ގެނައި ބަދަލާއި އެއްގޮތަށް ހަމަވާނަމަ އަލުން ކުރިމަތި ލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކަމަކު ކެންޑިޑޭސީ ގަބޫލްކޮށްފައިވާ ފަރާތްތަކުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
ކައުންސިލް އިންތިހާބު ފަސް ކުރަމުން އައިސް މިހާރު އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އެޕްރިލް 15 ގައި އެވެ. ފުރަތަމަ ޖެނުއަރީ 14 ގައި ބާއްވަން އުޅުނު އިންތިހާބު ފަސްކުރީ ޕީޕިއެމް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް ތައްޔާރު ނުވެވޭތީ އެވެ. އެޕްރިލް އަށެއްގައި ދެވަނަ ފަހަރު ބާއްވަން އުޅެފައި ފަސްކުރީ ސްކޫލްތައް ނުލިބޭތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް