ޖެނީވާ ސަމިޓުގެ ހިތްވަރުގަދަ ކަމުގެ އެވޯޑު މިފަހަރު ނަޝީދަށް

ޖެނީވާ ސަމިޓް ފޯ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީން ދޭ ހިތްވަރުގަދަ ކަމުގެ އެވޯޑު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދޭން ނިންމައިފި އެވެ. ސުވިޒަލޭންޑުގެ ޖެނީވާގައި އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ހ...

16 Feb 2017 | 12:22

ޖެނީވާ ސަމިޓް ފޯ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީން ދޭ ހިތްވަރުގަދަ ކަމުގެ އެވޯޑު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދޭން ނިންމައިފި އެވެ.

ސުވިޒަލޭންޑުގެ ޖެނީވާގައި އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ޔޫއެން ވޮޗް ފަދަ 25 ޖަމްއިއްޔާއަކުން ސްޕޮންސާކޮށްގެން ކުރިއަށްގެންދާ  ސަމިޓުގައި ނަޝީދަށް މި އެވޯޑު ދޭން ނިންމާފައިވަނީ ޖަލު ހުކުމެއް ކޮށްފައިވާއިރުވެސް ޑިމޮކްރަސީގެ ހައްގުގައި ކުރާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި އެވެ.

މި ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެވޯޑު އަރުވާނީ އެދުވަހު އެވެ.

މިދިޔަ އަހަރު ޖެނީވާ ސަމިޓުގެ ހިތްވަރުގަދަ ކަމުގެ އެވޯޑު ދީފައި ވަނީ ވެނެޒުއޭލާގެ ސިޔާސީ ހައްޔަރީން ކަމަށްވާ އެންޓޯނިއޯ ލެޑެޒްމާ އާއި ލިއޮޕޮލްޑޯ ލޯޕޭޒް އަށެވެ.

މިފަހަރުގެ ސަމިޓުގައި ވިމެންސް ރައިޓްސް އެވޯޑް ދޭން ހަމަޖެހިފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ޖިންސީ އަޅުވެތިކަމުން ސަލާމަތްވި ޔަޒީދީ ދަރިކޮޅުގެ އަންހެނެއް ކަމަށްވާ ޝީރީންއަށެވެ.

މިފަހަރުގެ ސަމިޓުގައި މަޝްވަރާ ކުރާނެ މައްސަލަތަކުގެ ތެރޭގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާއި، ނޫސްވެރިން ޖަލަށްލުމާއި، އިންޓަނެޓު ބޭނުންކުރުމުގައި އޮންނަ މިނިވަންކަމާއި، ތަފާތު ދީންތަކަށް އިހުތިރާމު ނުކުރުމާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އަދަބު ދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް