ޗައިނާގައި ދަނޑުވެރިން ކުރާ އަވަށެއްގެ ތެރެއަށް ކެމިކަލް އުފައްދާ ފެކްޓްރީއަކުން ބާކީވެފައި ހުންނަ ކެމިކަލް ފެން އެޅި މައްސަލައެއްގައި އެ ކުންފުނީގެ އަތުން ބަދަލު ހޯދަން 16 އަހަރު ވަންދެން ދަނޑުވެރިއަކު ކުރި މަސައްކަތް ކާމިޔާބު ކޮށްފި އެވެ.
ވަންގް އެންލިން ނަމަކަށް ކިޔާ އެ ދަނޑުވެރިޔާ އެ ކުންފުންޏާއި ދެކޮޅަށް ދައުވާ ކުރީ 2001 ވަނަ އަހަރު އެ އަވަށް ކައިރީ ހުންނަ ފެކްޓްރީން ކެމިކަލް އެއްކޮށްފައި ހުރި ބާކީ ފެން އަވަށް ހިމެނޭ ސަރަހައްދަށް އެޅި މައްސަލައިގަ އެވެ. އެ ހާދިސާގައި އެ އަވަށުގެ ހުރިހާ ދަނޑުބިން ތަކެއްހެން ހަލާވެފައިވާއިރު އާންމުންނަށާއި ގޭގެއަށްވެސް ވަނީ ގެއްލުންފައި އެވެ.
އެންލިން މީޑިއާގައި ބުނެފައިވަނީ އޭގެ ފަހުންވެސް އެ ފެކްޓްރީން ބާކީ ފެން އެ ސަރަހައްދަށް އަޅާ ކަމަށާއި، އެ މައްސަލަ އަވަށު އޮފީހަށް ހުށަހެޅުމުން ބުނީ މައްސަލަ ހުށަހަޅަން ޖެހޭނީ ހެތްކާއި އެކު ކަމަށެވެ. އެކަމަކު އޭނާއަށް އެ ކުންފުންޏާއި ދެކޮޅަށް މައްސަލަ ހުށަހެޅޭނެ ގާނޫނި ޕޮއިންޓު ނޭނގޭތީ އެކަން އެ ދުވަސްވަރު ނުވީ ކަމަށެވެ.
އެހެންވެ 2001 ވަނަ އަހަރުން ފެށިގެން މިއަހަރާއި ހަމައަށް އެންލިން ގެންދިޔައީ ގާނޫނު ދަސް ކުރަމުންނެވެ. އެގޮތުން އެކަށީގެންވާ ވަރަށް ފައިސާ ނެތުމުން ފޮތް ވިއްކާ ފިހާރައަކަށް ގޮސް ގާނޫނީ ފޮތްތައް ކިޔުމަށް ސޭޓަށް ދެނީ ފައިސާގެ ބަދަލު އޭނާ ހައްދާ ޒުވާރި ކަމަށް ބުނެފައިވެ އެވެ.
އެ މައްސަލައިގަ ކޯޓުން ހުކުމް ކޮށްފައިވަނީ އެ އަވަށުގެ ކޮންމެ އާއިލާއަކަށް ބަދަލުގެ ގޮތުގައި އެ ކުންފުނިން 119،000 ޑޮލަރު ދިނުމަށެވެ. އެ މައްސަލަ އިސްތިއުނާފު ކުރަން އެ ކުންފުނިން ނިންމުމުން އެންލިން ބުނެފައިވަނީ ދެންވެސް ކާމިޔާބު ވާނީ އޭނާއަށް ކަމަށެވެ.
ގާނޫނު ދަސްކުރަން ފެށިކަން އެނގިގެން މީގެ އަހަރުތަކެއް ކުރިން ތިމާވެއްޓާ ބެހޭ ލޯ ފާމަކުން ވަނީ އެންލިންއަށް އެހީވާން ފަށާފައި އެވެ. ދެން މިކަމުގައި ކުރިޔަށް ދިއުމަށް އެއްބާރުލުން ދީފައިވަނީ އަވަށު މީހުންނެވެ.
އެ އަވަށުގެ ސަރަހައްދަށް ކެމިކަލް ފެން އެޅީ ޗައިނާ ސަރުކާރު ހިއްސާވާ ބޮޑު ކުންފުންޏެއް ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް