މަޖުބޫރުން ޕީޕީއެމްއަށް މީހުން ވައްދާކަމަށް ބުނާ މައްސަލައިގަ މަޖިލީހަށް ގަރާރެއް

މަޖުބޫރުކޮށްގެން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި އާންމުން ވެރިކަން ކުރާ ޕީޕީއެމްއަށް ވައްދަމުން ދާކަމަށް ބުނާ މައްސަލައިގަ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ. މިގަރ...

16 Feb 2017 | 02:56

މަޖުބޫރުކޮށްގެން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި އާންމުން ވެރިކަން ކުރާ ޕީޕީއެމްއަށް ވައްދަމުން ދާކަމަށް ބުނާ މައްސަލައިގަ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މިގަރާރު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އެވެ. އެމްޑީޕީން ބުނީ މި މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 142 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

ފަލާހު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 68 ވަނަ މާއްދާގައި ހައްގުތަކާއި މިނިވަންކަން ޝަރަފުވެރި ކަމާއި އެކު ލިބިގެންވާ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި އެއީ ރާއްޖެ ބައިވެރިވާ ބައިނަލް އަގުވާމީ މުއާހަދާ ތަކަކުގައި ވެސް އޮތް ގޮތް ކަމަށެވެ. އަދި ގާނޫނުގެ 25 ވަނަ މާއްދާގައި އެއްވެސް މީހަކު އަޅުވެތިކޮށްގެން، މަޖުބޫރުން ކަމެއް ނުކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އެ ގަރާރުގައި ބުނެފައިވަނީ ޕީޕީއެމްއިން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ލައްވާ ސޮއި ކުރުވަނީ ގަދަކަމުން، ސޮއި ނުކޮށްފި ނަމަ ވަޒީފާ ގެއްލޭނެ ކަމުގެ ބިރު ދައްކައިގެން ކަމަށެވެ. އެއީ އިންސާނީ ކަރަމާތަށް އުނިކަން ލިބޭ ކަމެއްކަން ފާހަގަ ކުރަމުން ބުނެފައިވަނީ އެމީހަކު ބޭނުން ޖަމާއަތެއްގައި ބައިވެރިވެ އެއްބާރުލުން ދިނުމުގެ ހައްގު އޮންނަންވާނީ އަމިއްލަ އިހުތިޔާރުގައި ކަމަށެވެ.

އެމްޑީޕީގެ ގަރާރުގައި އެދިފައިވަނީ މި އަމަލުކުށްވެރިކޮށް މަޖިލީހުން މިކަން ހުއްޓުވުމަށް ބާރުއަޅައި ދިނުމަށެވެ.

މީގެ އިތުރަށް ސަރުކާރުގެ މުވައްޒަފުން މަޖުބޫރުން ސަރުކާރު ހިންގާ ޕާޓީއަށް ވެއްދުމާ ގުޅޭ ގޮތުން ފިޔަވަޅު އަޅައިދިނުމަށް އެދި އައިއެލްއޯއަށް އެމްޑީޕީގެ ފަރާތުން ވަނީ ސިޓީ ފޮނުވާފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޕީޕީއެމްއަށް ސޮއި ކުރުމަށް ކުންފުނިތަކުގެ މުވައްޒަފުންނަށް ދަނީ މަޖުބޫރު ކުރުވަމުންނެވެ. އެގޮތުން ސޮއި ނުކޮށްފި ނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ބިރު ދައްކާ ކަމަށް ވެ އެވެ.

އަދި އާންމުންގެ ތެރެއިން އެ ޕާޓީއައި ގުޅޭ މީހުންނަށް ބޭރުގައުމުތަކަށް ދިއުމަށް ދަތުރު ދިނުމާއި ފައިސާ ދޭކަމަށް ވެ އެވެ. ޕީޕީއެމްއަށް މަޖުބޫރުން މީހުން ވައްދާކަމަށް ބުނެ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ވަނީ މަޖުބޫރުން ޕާޓީއަށް ވެއްދުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް