ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރު މައްސަލައަކާއި އެހެން ދެ ފަނޑިޔާރެއްގެ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރު ޝުޖާއުގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ އަދީބާއި ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރުގެ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަތައް ބަލަން ތަހުގީގު ކޮމިޓީތައް އެ ކޮމިޝަންގެ އިއްޔެ ޖަލްސާގައި އެކުލަވާލާފައިވާ ކަމަށެވެ.
މި މައްސަލަތަކުގެ ތަފްސީލް އަދި ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.
އިސްފަނޑީޔާރު ޝުޖާއުގެ އާ މައްސަލައެއް ބަލަމުންދާކަން ހާމަކުރި އިރު މީގެ ކުރިން ވަނީ އޭނާގެ އެހެން މައްސަލައެއް ބަލަން ނިންމައި، ތަހުގީގު ކޮމިޓީއެއް އެކުލަވާލައިފަ އެވެ.
މިއަދު ޖޭއެސްސީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ކުރިން ނިންމާފައިވާތީ، އެ ޖުޑީޝަލް ދާއިރާ ހިންގުން ދ. ކުޑަހުވަދޫ ކޯޓުގެ މެޖިސްޓްރޭޓް އަބްދުލްގާދިރު އާދަމްއާ ހަވާލު ކުރަން ވެސް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް